ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލައި ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ދަންނަވާފައިވާނެ ކަމަށެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،338 ދަރިވަރުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން 806 ދަރިވަރުން ޝަރުތު ހަމަވި ކަމަށެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، މި އަހަރު ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ އެއްވެސް ޝަކުވާއެއް އޮތް ނަމަ އަންނަ މަހުގެ ތިން ވަނަަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ޑިޕްލޮމާ، ބެޗްލާސް، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ.