ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފު ހޯދައިދޭނެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޮޅުދޫއަށް ވަޑައިގަތުމުން ޒަކިއްޔާގެ މަރުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރި ޒަކިއްޔާގެ އާއިލާ އާއި ރަށުގެ ބައެއް މީހުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ގާތުން ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލައިގައި އިންސާފު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
މިދިޔަ އަހަރުފެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ބައިވަރު ލޭ ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައި ވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު އޭނާ ގަސްދުގައި މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.
މި މައްސަލަ މިހާރު ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އެޗްއާރްސީމުން ވެސް އަންނަނީ އެކަން ބަލަމުންނެވެ.