އިސްރާއީލުން އިބްރާހީމްގެފާނު މިސްކިތް ނުވަތަ މަސްޖިދުއް އިބްރާހީމީ ހިންގުމާއި ބެލެހެއްޓުން ފަލަސްޠީނުގެ މިނިސްޓްރީ އޮފް އެންޑޮވަރމަންޓް އެންޑް ރިލިޖަސް އެފެއާޒް ގެ އަތުން ނިގުޅައިގަނެ އިސްރާއީލުގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރަން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ދިވެހި ސަރުކާރުން މިކަން ކުށްވެރިކުރީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ދާއިމީ މަންދޫބުންގެ ފެންވަރުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން އޯއައިސީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ރާއްޖެއިން ސައުދީ ޢަރަބިއްޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ސަރީރު، ބައިވެރިވެވަޑައިގެން ދެއްވި ތަޤުރީރުގަ އެވެ.
މި ބައްދަލުވުމުގައި ސަރީރު ދެއްވި ތަޤްރީރުގައި ވަނީ، މަސްޖިދުއް އިބްރާހީމީ ގެ ހިންގުމާއި ބެލެހެއްޓުން ފަލަސްޠީނުގެ މިނިސްޓްރީ އޮފް އެންޑޮވަރމަންޓް އެންޑް ރިލިޖަސް އެފެއާޒް ގެ އަތުން އަތުލައި، އިސްރާއީލުގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރަން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފަ އެވެ.
އަދި މަސްޖިދުއް އިބްރާހީމީ ގެ އިތުރުން އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ގާއިމްކޮށްފައިވާ އެހެނިހެން މުޤައްދަސް ތަންތަނުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ގެނައުމަށް ކުރެވޭ މަސައްކަތަކީ ބައިނަލްއަޤްވާމީ ޤާނޫނޫތަކާ މުޅިން ޚިލާފު ކަމެއް ކަމަށާއި މިކަމަކީ ފަލަސްތީނުގައި ހުރި މުޤައްދަސުތަންތަނު ގެ އިސްލާމީ ތާރީޚު އޮޅުވާލުމަށް އިސްރާއީލުން ގަސްތުގައި ހިންގަމުންދާ އަމަލެއް ކަމަށް ވިދާޅުވި އެވެ. މީގެ ސަބަބުން ސަރަހައްދުގައި ޞުލްހަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި އިތުރު ގޮންޖެހުންތަކެއް ކުރުވާ ނިންމުމެއް ކަމުގައި ސަރީރު ވިދާޅުވި އެވެ.
މީގެ އިތުރުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބައިނަލްއަޤްވާމީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުމަށާއި، މިނިވަން އަދި ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިހުންނާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.