Last Updated: July 25, 05:49
Friday, July 25, 2025
ޚަބަރު

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސެންޖަރު ޓަމިނަލް ހުޅުވުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތުގެ އެންމެހާ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ ދުވަހު އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

އެމްއޭސީއެލް އިން ބުނީ މި މަހުގެ 26 ވަނަ ދުވަހު ރޭގަނޑު 19:00 އިން ފެށިގެން 23:30 އަށް އެއާޕޯޓަށް ވަދެ ނުކުމެވޭ ގޮތަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށެވެ.

މިގޮތުން އެއާޕޯޓަށް ވަންނަ މަގާއި އަދި ޓާމިނަލް ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަދެވިފައިވާ އުޅަނދުތަކަށެވެ.

މި ވަގުތުތަކުގައި ޓެކްސީ އަދި އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކަށް ޕޮލިސް ޕޯސްޓް އަދި އިރުމަތީ ފަރާތު ޕާކިން ސަރަހައްދަށް އާދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އަދި ޓާމިނަލް ސަރަހައްދަށް ދިއުމަށް އެމްއޭސީއެލްގެ އުޅަނދުތައް ހަމަޖެހިފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

މި ބަދަލާއި އެކު، ފެރީ އަދި ބަހުގެ ހިދުމަތް މެދުކެނޑުމެއްނެތި މާލެ އާއި ހުޅުމާލެއިން ހުޅުލެއަށް ދާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށްވެސް އެމްއޭސީއެލް އިން މައުލޫމާތުދެ އެވެ.

މިފަދަ ކޮންމެ ވަގުތެއްގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން އެމްއޭސީއެލް އިން ފާހަގަކުރެ އެވެ.