Last Updated: July 13, 22:22
Monday, July 13, 2026
ޚަބަރު

އާންމު ތަންތަނުގައި ރައީސަށް ކުރާ ފުރައްސާރަ ހުއްޓާލަން ޖެހޭ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އާންމު ތަންތަނުގައި ރައީސުލްޖުމްހޫރިއްޔާ އަށް ފުރައްސާރަކުރުން ނިމުމަކަށް އަންނަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވެފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ރަށަކަށް ވަޑައިގަތުމުން އާންމު ފަރާތަކުން ރައީސާއި ދިމާލަށް ހަޅޭލަވައި ނުރުހުން ފާޅުކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ އާންމު ތަންތަނުގައި އެއްވެސް މީހަކާ ދިމާލަށް، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް ހަޅޭއްލަވާ ފުރައްސާރަ ކުރުމަކީ ނިމުމަކަށް އަންނަންޖެހޭ ކަމެއް ކަމަށެވެ.

"މިއީ ޚިޔާލުފާޅުކުރުމެއް ނޫން. މިއީ ފުރައްސާރަކުރުން. އަޅުގަޑުމެންގެ ތެރޭ އަޚުލާގެއް އޮންނަން ވާނެ،" އުމަރު ވިދާޅުވި އެވެ.

‎ރައީސްގެ މި ދަތުރުފުޅުގައި، ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ.

‎މި ދަތުރުފުޅަކީ ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.