ކާން ނުލިބި ފަލަސްތީނުގެ ގާޒާއިން ފާއިތުވި 24 ގަޑިއިރުތެރޭ 15 މީހަކު ބަނޑަށް މަރުވެއްޖެ އެވެ.
ގާޒާގެ ހެލްތު އޮފިޝަލް ވިދާޅުވީ ކާން ނުލިބި ބަނޑަށް މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށާއި އޭގެތެރޭގައި ހަ ހަފްތާގެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
އިޒްރޭލުން ގާޒާގައި ގަތުލްއާންމު ހިންގަން ފެށި ފަހުން މިހާތަނަށް 101 މީހަކު ބަނޑަށް މަރުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. އޭގެތެރޭގައި 80 ކުޑަކުދިން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ގާޒާއަށް ކާނާ އާއި އެހެނިހެން ތަކެތި ވެއްދުމަށް އިޒްރޭލުން ހުރަސް އެޅުމުން މިދިޔަ މާޗު މަހު ގާޒާއިން ކާނާގެ ތަކެތި ވަނީ ހުސްވެފަ އެވެ. މިދިޔަ މޭ މަހުން ފެށިގެން ގާޒާއަށް ކާނާ އާއި އެހީގެ ތަކެތި ވެއްދުމަށް އިޒްރޭލުން ކޮންމެވެސް ވަރެއްގެ ހުއްދައެއް ދީފައިވާއިރު، އެ ތަކެތި ބެހުން ކުރިއަށް ގެންދަނީ އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން ނަމަކަށް ކިޔާ ޖަމާއަތެއް މެދުވެރިކޮށެވެ.
އެހީގެ ތަކެތި ބެހުމުގެ ކަންކަން ކުރިއަށްގެންދާ ސައިޓުތަކުގައި އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި މިހާތަނަށް 1،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ މަރުވެފަ އެވެ.