އަންނަ މަހުގެ ފަހުކޮޅު އޮލިމްޕަަހަށް ގެންނަން ނިންމާފައިވާ ޑައިރެކްޓަރު ހުސައިން މުނައްވަރުގެ (ކިޑް) ގެ އާ ފިލްމު "ކަނބުލޮ" ގެ ޓްރެއިލާ މާދަމާ ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.
މި ފިލްމަކީ މިދިޔަ އަހަރުގެ ފިލްމު "ކަމަނާ" ވެސް ގެނެސްދިން ޓީމްގެ ފިލްމެކެވެ. އެގޮތުން ފިލްމު ގެނެސް ދެނީ އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ޑައިރެކްޓަރު ކިޑްގެ ކިޑް ޕްރޮޑަކްޝަން ގުޅިގެންނެވެ.
އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރަކައަށްވާ އަންހެނެއްގެ ވާހަކަ ކިޔައިދޭނެ "ކަނބުލޮ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) އާއި ޝީލާ ނަޖީބާއި އަހުމަދު ނިމާލުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.
މީގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އަލަށް ތައާރަފުކުރާ ކުޑަ އަންހެން ކުއްޖަކު ވެސް ފެންނާނެ އެވެ.
"ކަނބުލޮ" ގެ މައިގަނޑު ކާސްޓުންގެ ފަސްޓްލުކް ޕޯސްޓަރުތައް ވެސް އާންމުކޮށްފައިވާ އިރު، މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. "ކަނބުލޮ" ހަދާފައި ވަނީ 2009 ގެ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއް ވަނަ ހޯދި ވާހަކަ "ޔުކްތާ" އަށް ބިނާކޮށެވެ.
އަންނަ މަހުގެ 31 ގައި އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ "ކަނބުލޮ" ގެ ސްކްރީންްޕްލޭ ލިޔުނީ "ކަމަނާ" ގެ ވެސް ސްކްރީން ރައިޓަރު މަހުދީ އަހުމަދެވެ.