އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީއާ ކައިވެނި ކުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް، ހުވަފަތް ފިރިމީހާ ބޯނީ ކަޕޫރް އަންހެނުންގެ ހަނދާންތަކެއް އަނެއްކާ ވެސް އާކޮށްފި އެވެ.
ކަޅާއި ހުދުގެ ފޮޓޯގައި ފެންނަނީ ސްރީދޭވީ ގޮނޑިއެއްގައި އިށީނދެލައިން ކެމެރާ އަށް ހިނިތުންވެލައިގެން އިންނަ ތަނެވެ. އެ ފޮޓޯގެ ކެޕްޝަނަކަށް ބޯނީ ލިޔެފައި އިނީ އެ ފޮޓޯ އަކީ ސްރީދޭވީއާ ކައިވެނި ކުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް ކަމަށާއި ފޮޓޯ އިން ފެންނަނީ އޭނައާ ދިމާއަށް ސްރީދޭވީ ބަލަހައްޓައިގެން ހިނިތުންވެލާ ތަން ކަމަށެވެ.
ފިލްމު އުފައްދާ ޕްރޮޑިއުސަރެއްގެ ގޮތުގައި މަޝްހޫރު ބޯނީ އާއި ސްރީދޭވީ ކައިވެނިކުރީ 1996 ގަ އެވެ. ބޯނީ ޕްރޮޑިއުސްކުރި ބައެއް ފިލްމުތައް ވެސް ސްރީދޭވީ ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 'މިސްޓަ އިންޑިއާ' އާއި 'ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ' އަދި 'ޖުދާއީ' ހިމެނެ އެވެ.
އާއިލާގެ ނުގަބުލޫގައި ސްރީދޭވީއާ ބޯނީ ކައިވެނިކުރި އިރު، އޭނަ އަކީ ކުރިން ވެސް ކައިވެންޏެއްކޮށް ދެ ދަރިން ތިބި ފިރިއެކެވެ. ބޯނީ އާއި މޯނާ ޝޫރީ ކަޕޫރަށް ދެ ކުދިން ލިބިފައިވެ އެވެ. އޭގެ ތެރެއިން ދޮށީ ފިރިހެން ދަރިފުޅަކީ މިހާރުގެ މަޝްހޫރު އެކްޓަރު އަރުޖުން ކަޕޫރެވެ. އަނެއް ދަރިއަކީ ފިލްމީ ދާއިރާއާ ދުރުގައި އުޅޭ އަންޝުލާ ކަޕޫރެވެ.
ބޯނީ އާއި މޯނާގެ 1983 ގެ ކައިވެނި ރޫޅައިލީ 1996 ގަ އެވެ. މޯނާ ވަނީ 2012 ގައި މަރުވެފަ އެވެ.
ބޯނީ އާއި ސްރީދޭވީ އަށް ލިބިފައިވާ ދެ ކުދިންނަކީ ބޮލީވުޑްގެ މިހާރުގެ ބަތަލާއން ކަމަށްވާ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރެވެެ. އެ އެ މީހުންގެ މަންމަ ސްރީދޭވީ މަރުވީ 2018 ގަ އެވެ.
ބޯނީ އަކީ މަޝްހޫރު އެކްޓަރުން ކަމަށްވާ އަނިލް ކަޕޫރާއި ސަންޖޭ ކަޕޫރްގެ ބޭބެ އެވެ.