ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލަށް ހާއްސަ ލަވައެއް މިއަދު އާންމުކޮށްފި އެވެ.
އެ އެއާޕޯޓް ހިންގަމުން އަންނަ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އާ ޓާމިނަލަށް ހާއްސަކޮށްގެން ނެރުނު ލަވައިގެ ނަމަކީ "ބަނދަރޭ ދިވެހި ވައިގެ މީ" އެވެ.
ވީޑިއޯއާ އެކު ގެނެސްދިން ލަވައިން ފެންނަނީ ބައްޕައަކު ކުޑަ ފިރިހެން ދަރިޔަކު ގޮވައިގެން އާ ޓާމިލުން ފުރަން ގޮސް އުޅުމުގެ މަންޒަރުތަކެކެވެ. މި ލަވަ ޑައިރެކްޓްކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ އަދި އެމްއޭސީއެލްގައި ވަޒީފާ އަދާކުރަމުން އަންނަ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވީއައިއޭގެ ހިތްގައިމު އާ ޓާމިނަލް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ގަ އެވެ. އެއީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސްމެ އެވެ. އެެހެންވެ ކުލަގަދަކޮށް އާ ޓާމިނަލް ހުޅުވަން ނިންމާފައިވެ އެވެ.