Last Updated: June 12, 11:16
Friday, June 12, 2026
މުނިފޫހިފިލުވުން

"ރޭސް 2" ޕްރީމިއާ ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

މި މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރާ ޑައިރެކްޓަރު އައްބާސް/މަސްތާންގެ "ރޭސް 2" ރާއްޖެ އާ އެކު ދުނިޔޭގެ 50 ގައުމެއްގައި ޕްރީމިއާ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ގިނަ ބަޔަކު މިހާރު ވެސް އިންތިޒާރު ކުރަމުން އަންނަ "ރޭސް 2" ގެ އެކްޒެކެޓިވް ޑައިރެކްޓަރު އަމްރިތާ ޕާންޑޭ ބުނީ މުޅިން އާ ސަރަހައްދުތައް ކަމަށްވާ މިޔަންމާ، އީސްޓް ޓިމޯރް، ދިވެހި ރާއްޖެ އަދި ވިއެޓްނާމްގެ ހަތް ސްކްރީނެއްގައި "ރޭސް 2" އިންޑިއާ އާ އެކު ޕްރީމިއާ ކުރާނެ ކަމަށެވެ. ބެލެވޭ ގޮތުގައި މި ފިލްމް ރާއްޖޭގައި ސްކްރީން ކުރާނީ މާލޭގެ ޝްވެކް ސިނަމާގަ އެވެ.

ސަސްޕެންސް/އެކްޝަން ތްރިލާ ހެދުމަށް މަޝްހޫރު ދެބޭން ކަމަށްވާ އައްބާސް/މަސްތާންގެ "ރޭސް 2" އަކީ 2008 ވަނަ އަހަރު ގެނެސް ދިން "ރޭސް" ގެ ސީކްއެލްއެކެވެ. ކުރީ ފިލްމާ އެއްގޮތަށް މި ފިލްމްގައި ވެސް އެންމެ މުހިއްމު ރޯލެއް އަދާ ކުރަނީ ސައިފް އަލީ ހާނާއި އަނިލް ކަޕޫރެވެ. މީގެ އިތުރުން ޖޯން އަބްރަހަމް ވެސް "ރޭސް 2" ގެ މުހިއްމު ރޯލަކުން ފެނިގެން ދާނެ އެވެ.

އެހެން ނަމަވެސް ބިޕާޝާ ބާސޫ އާއި ކެޓްރީނާ ކެއިފްގެ އިތުރުން ސަމީރާ ރެޑީ "ރޭސް" އިން ފެނިގެން ދިޔަ ނަމަވެސް "ރޭސް 2" ގެ ބަތަލާއިންނަކީ ދިޕިކާ ޕަދްކޯން، ޖެކޮލިން ފެނާންޑޭޒް އަދި އަމީޝާ ޕަޓެލް އެވެ.