ރާއްޖޭގެ ލޯކަލް ޓޫރިޒަމްގައި އެންމެ މަޝްހޫރު ރަށް ކަމަށްވާ ކ. މާފުށީގެ މަސައްކަތު އާބާދީ އަށް ޗައިނާ ބަސް ދަސްކޮށް ދޭން އެ ރަށު ކައުންސިލުން ޕްރޮފްރާމެއް ފަށައި އޭގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.
މާފުށީ ކައުންސިލުން ޗައިނާ ބަސް ދަސްކޮށް ދޭން ފެށި ފުރަތަމަ ބުރުގައި ރަށު ސްކޫލާއި މާފުށީ ހޮސްޕިޓަލާއި ރަށު ޕޮލިހާއި ކައުންސިލާއި މާފުށީ ލޯކަލް އޮތޯރިޓީ ކުންފުނީގެ މުވައްޒަފުންތަކެއް ބައިވެރިވި އެވެ.
އެގޮތުން އެ ތަންތަނުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އަސާސީ ޗައިނީސް ބަސް ދަސްކޮށް ދިނުމުގެ ފުރުތަމަ ކޯސް ނންމައި އިއްޔެ ބައިވެރިންނަށް ސެޓްފިކެޓް ވެސް ދީފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މި ކޯސް ކުރިއަށް ގެންދިޔައީ ވިލާ ކޮލެޖާ ގުޅިގެންނެވެ.
ކޯހުގެ ނިމުން ފާހަގަ ކުރަން ބޭއްވި ރަސްމިއަޔާތު ޝަރަފްވެރިކޮށް ދެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓާ ޑރ. ޢަލީ ނަޖީބެވެ.
މާފުށީގެ މުވައްޒަފުންނަށް ޗައިނާ ބަސް ދަސްކޮށް ދޭން ފެށި އިރު، އެ ރަށަކީ އެންމެ ފުޅާކޮށް ރާއްޖޭގައި ގެސްޓްހައުސް ހިންގަމުން އަންނަ ރަށެވެ. އެގޮތުން މާފުއްޓަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރަމުން އަންނަ ރަށެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ.