ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް
އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ޓާމިނަލްގެ ހުރިހާ މަސައްކަތްތައް ނިމި މިހާރު ކުރިއަށް ދަނީ މިނިވަން ދުވަހު އެތަން ރަސްމީކޮށް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ކަމަށެވެ.
އެގޮތުން އާ ޓާމިނަލްގައި މިހާރު ކުރިއަށް ދަނީ އޮޕަރޭޝަންތައް ފަށައި ގަތުމުގެ ގޮތުން ހަދަން ޖެހޭ ފުލް ޓްރަޔަލްތައް ކަމަށާއި އާ ޓާމިނަލްގެ ސިސްޓަމްތައް ވެސް ހުރީ ތައްޔާރަށް ކަމަށް ލައްމާން ވިދާޅުވި އެވެ. އެމްއޭސީއެލްގެ މުވައްޒަފުންނާއެކު ކުރިއަށް ގެންދާ މި ޓްރަޔަލްތަކުގައި އާ ޓާމިނަލްގައި ބޭނުންކުރާ ހުރިހާ ސިސްޓަމްތަކާއި މެޝިނަރީޒްތަކުގެ އެންމެ ފަހުގެ
ޓެސްޓުތައް އަންނަނީ ހަދަމުންނެވެ. އޭގެ އިތުރުން އަލިފާނުގެ ހާދިސާއެއް މެދުވެރިވެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގެ އެކްސަސައިޒެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ލައްމާން ވިދާޅުވީ އާ ޓާމިނަލް ހުޅުވުމަށް މުވައްޒަފުން ކުރައްވަމުން ގެންދަނީ ފަހުރުވެރި މަސައްކަތެއް ކަމަށާއި އެކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.
"ރައިސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅު މި އޮތީ ފުރިހަމައަށް ނިންމާލެވިފައި." އޭނަ ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައި ވަނީ އާ ޓާމިނަލް ބޭނުން ކުރަން ފެށުމުން ރާއްޖެ އަންނަ އެއާލައިންތައް ވެސް އިތުރުވެ، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށެވެ.