އަވައްޓެރި އިންޑިއާ އިން ރާއްޖެއަށް އެހީނުވާނަމަ ރާއްޖެ މިހާރު އޮންނާނީ ބަނގުރޫޓް ވެފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އޭޝިއަން ނިއުސް އިންޓަނޭޝަނަލަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ ހަގީގީ އެކުވެރިއެއް ކަމަށާއި އިންޑިއާ އަކީ އަބަދުވެސް ރާއްޖެ އެންމެ ބޭނުން ވަގުތު އެންމެ މުހިންމު އެހީތެރިކަން ފޯރުކޮށްދޭ ގައުމު ކަމަށެވެ. އެގޮތުން އިގްތިސާދީ ދަތި ދުވަސްވަރެއްގައި އިންޑިއާއިން ދިން އެހީތެރިކަމަކީ ރާއްޖޭގެ އިގްތިސާދު ސްޓެބިލައިޒްކުރުމަށް ލިބުނު މުހިއްމު ބާރެއް ކަމަށާއި، ދެ ގައުމު ދެމެދު އޮތް ގުޅުމަކީ ސަރަހައްދީ އެކުވެރިކަމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ހަގީގަތުގައި އިންޑިއާގެ އެހީތެރި ނުވާނަމަ ރާއްޖެ މިހާރު އޮންނާނީ ބަނގުރޫޓުވެފައި. އިންޑިއާގެ އެހީތެރިކަން ދިވެހީން އަބަދުވެސް ބަލައިގަނޭ އެކަމުގެ އަގު ވަޒަން ކުރޭ" ނަޝީދު ވިދާޅުވި އެވެ.
އިންޑިއާއިން ރާއްޖެއަށް ދޭ އެހީތެރިކަން ފޯރުކޮށްދެނީ ހަމައެކަނި މާލީ ކަންކަމުގައި ނޫންކަމަށާއި، ޓޫރިޒަމް، އިންފްރާސްޓްރަކްޗާ އަދި ސެކިއުރިޓީފަދަ ދާއިރާތަކުގައި ވެސް ދެ ގައުމު ދެމެދު އެއްބާރުލުން އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ނަޝީދު އިންޑިއާ އަށް ތައުރީފު ކުރައްވާފައިވާއިރު، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.