ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޖޭމްސް ކެމަރޮންގެ 'އެވަޓާ' ފިލްމު ސީރީޒްގެ ތިން ބަނަ ބައިގެ ނަން ރަސްމީކޮށް އިއުލާންކޮށް އޭގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.
ޑިސެމްބަރުގައި ސިނަމާތަަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ 'އެވަޓާ: ފަޔާ އެންޑް އޭޝް' އެވެ. އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ 'ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް' އާ އެކު 'އެވަޓާ 3' ޓްރެއިލާ ވެސް އާންމު ކުރަން ހަމަޖެހިފައިވެ އެވެ.
'އެވަޓާ' ގެ ދެވަނަ ފިލްމަކީ 2022 ގައި ރިލީޒްކުރި "ދަ ވޭ އޮފް ވޯޓާ" އެވެ. ޖުމްލަ 469 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 2.320 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވެ އެވެ. ދެހާސް ނުވައެއްގައި ގެނެސްދިން 'އެވަޓާ' އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑް އޮތް ފިލްމެވެ. ޖުމްލަ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ އާމްދަނީ އަކީ 2.923 ބިލިއަން ޑޮލަރެވެ.
'އެވަޓާ 3' މި އަހަރު ޑިސެމްބަރު 19 ގައި ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރި، ކުރިއަށް އަދި މީގެ އިތުރު ދެ ބައެއް ގެނެސްދޭނެ އެވެ. ތިން ވަނަ ބައި ހަދާފައި ވަނީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
ޕެންޑޯރާ ކިޔާ ދުނިޔެއްގައި އުޅޭ އާދަޔާހިލާފު ބަޔަކާއި އިންސާނުންނާ ދެމެދު ހިނގާ ކުރިމަތިލުންތަކެއްގެ މައްޗަށް ގެނެސްދެމުން އަންނަ މި ފިލްމު ސީރީޒަކީ ސައިންސް ފިކްޝަން ޖޯންރާގެ އެއްޗެކެވެ. 'އެވަޓާ' ގެ ޑައިރެކްޓަރަކީ އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 1997 ގެ 'ޓައިޓޭނިކް' ވެސް ގެނެސްދިން ޑައިރެކްޓަރެވެ.