ބޭންކް އޮފް މޯލްޑިވްސްއިން އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތުމަށް ކުރިއަށްގެންދާ މުއާމަލާތްތައް ކުރިއަށްގެންދަނީ ގާނޫނާއި އެއްގޮތަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާ މުޢާމަލާތާ ގުޅޭ ގޮތުން އެ އޮތޯރިޓީއަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް އާއްމު އުސޫލުތަކާ އެއްގޮތަށް މި މުޢާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް އެ ބޭންކުން އަމަލުކުރިތޯ ބަލާފައިވާ ކަމަށެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ ބޭންކިން ޤާނޫނާއި ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައި ނުވާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި ބީއެމްއެލް އިން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި ވިޔަފާރީގެ މުޢާމަލާތުގެ ހުރިހާކަމެއް ވެސް ކުރިއަށް ގެންދާނީ ކަމާގުޅޭ ގާނޫނުތަކާއި، ޤަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބީއެމްއެލްއިން ޔަގީންކަން ދީފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.
އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
ބީއެމްއެލުން ބުނީ އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިން ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމަށާއި، ރައްޔިތުން މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ.