Last Updated: July 25, 20:39
Friday, July 25, 2025
ޚަބަރު

ރައީސްގެ ވާހަކަތަކުން ވަރަށް ވޭން އަޅައިފި: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްކެވި ވާހަކަފުޅުން ވަރަށް ބޮޑަށް ވޭން އަޅާފައިވާ ކަމަށް އައްބާސް ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ ފަރާތުން އެއްބާރުލުން ނުލިބޭއިރު ކަންކަމަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ކުރައްވާ ކޮންމެ ކަމެއް އަދި ވިދާޅުވާ ކޮންމެ ބަހެއް ވިދާޅުވަނީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

"ސިޔާސީ ގޮތުން މިހޭދަ ކުރި 18 އަހަރު މިހަށިގަޑުގައި ނާޅާ ވޭން މިއަދު އަޅަމުން ދަނީ،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ސަރުކާރުން ހުށައެޅި މުޅި ބަޖެޓަށް ވޯޓުދީ ސަރުކާރުން ހުށަހެޅި ކޮންމެ ބިލަކަށް ވޯޓު ދީފައިވާނެ ކަމަށެވެ. އަދި ދާއިރާގެ ތިން ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ދައުލަތުގެ މުއައްސަސާތަކާ ހިއްސާކޮށް މަޝްރޫއުތަކުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

"ދާއިރާގެ ތިން ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ ވާހަކަ ހިފައިގެން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އަޅުގަނޑު ދިޔައިން. ދާއިރާގެ ތިން ރަށުގައި މިއަދާ މާދަމާ ބިންގާ އަޅާ ހުރިހާ ޕްރޮޖެކްޓެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އަޅުގަނޑު ބައިވެރިވީން،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ދާއިރާގެ ތަރައްގީގެ މަޝްރޫއު ލަސްވާތީ މަޖިލީހުގެ އެތެރެއިންނާއި ބޭރުން ކެނޑިނޭޅި މަސައްކަތް ކުރި ކަމަށާއި ނަމަވެސް މުޒާހަރާކޮށް ވެރިންނަށް ހުތުރު ބަހުން މެސެޖު ނުކުރާ ކަމަށެވެ.

"ދާއިރާގެ ތަރައްގީގެ ޕްރޮޖެކްޓުތައް ނުހިގާ ލަސްވާތީ މަޖުލީސް އެތެރެއިންއާ ބޭރުން ކެޑިނޭޅި މަސައްކަތް ކުރީމު .ސަރުކާރާ ދެކޮޅަށް އެއްވެސް ބާވަތެއްގެ މުޒާހާރާއެއް ނުކުރަން. ސަރުކާރުގެ ވެރިންނަށް ހުތުރު ބަހުން އެއްޗެތިކިޔާފައި މެސެޖު ނުކުރަމު،" އައްބާސް ވިދާޅުވި އެވެ.

އަމިއްލަ މަސްލަހަތު ހިމެނޭ އެއްވެސް ކަމަކު ސަރުކާރުގެ އެއްވެސް ވެރިއެއްގެ ކިބައިން އެދިފައިނުވާނެ ކަމަށް ވިދާޅުވެ އައްބާސް ވަނީ ހުރަސް އެޅުމަކީ ކޮބައިތޯ ސުވާލު އުފައްދަވާފަ އެވެ.