Last Updated: June 9, 20:11
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ގުޕްތު' ކަހަލަ ފިލްމެއް ކުޅެން ބޭނުން: ޓްރިޕްތީ

އާންމުންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ފިލްމު 'ގުޕްތު' ގައި ކާޖޮލް ކުޅުނު ކަހަލަ ނެގަޓިވް ރޯލެއް ކުޅެން ވަރަށް ބޭނުންވާ ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ޓްރިޕްތީ ދިމްރީ ބުނެފި އެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އޭނަގެ އާ ފިލްމު 'ދަޅަކް 2' ގެ ޕްރޮމޯޝަންގެ ތެރެއިން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި 31 އަހަރުގެ ބަތަލާ ބުނީ އެކި ކަހަލަ، ތަފާތު ކެރެކްޓާތައް ތަޖުރިބާ ކުރަން ބޭނުންވާ ކަމަށެވެ.

އެގޮތުން 'ގުޕްތު" ގައި ކާޖޮލް ކުޅުނު ކަހަލަ ރޯލަކަށް ވަރަށް އުންމީދު ކުރެވޭ ކަމަށް ބުންޏެވެ.

"ކުރިއާ ހިލާފަށް މިހާރު ގްރޭ ޝޭޑްސް އެކުލެވޭ ނެގަޓިވް ކެރެކްޓާތައް ނުވަތަ ވިލަންހެ ރޯލު ކުޅުމަކީ އެއްވެސް އެކްޓަރަކު ޖެހިލުންވާ ކަމެއް ނޫން،" 2023 ގެ ފިލްމު 'އެނިމަލް' ގައި ކުޅުނު ބޯލްޑް ކެރެކްޓާގެ ސަބަބުން ބޮޑު މަޝްހޫރު ކަމެއް ލިބުނު ޓްރިޕްތީ ބުންޏެވެ. "އަދި އެއީ ވަކި ކަހަލަ އެކްޓަރުންތަކެއް ކުޅެން ޖެހޭ ރޯލުތަކެއް ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލެއް ވެސް ނުކުރޭ. އެހެންވެ އަހަރެން ވަރަށް ބޭނުން ކާޖޮލް ކުޅުނު ކަހަލަ ނެގަޓިވް ރޯލެއް ކުޅެލަން."

ލޯބިވާ މީހާ ހާސިލުކުރަން ކޮންމެ ފަދަ ކަމެއް ވެސް ކުރަން ޖެހިލުން ނުވާ މީހެއްގެ ރޯލު ކާޖޮލް ކުޅުނު 'ގުޕްތު' އަކީ 1997 ގައި ރިލީޒްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. ރަޖީވް ރާއީ ޑައިރެކްޓްކުރި އެ އެކްޝަން ތުރިލާގެ ލީޑް ރޯލު ކުޅުނީ ކާޖޮލް އާއި ބޮބީ ޑިއޯލްގެ އިތުރުން މަނީޝާ ކޮއިރަލާ އެވެ.

މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބަތަލާއިންގެ ތެރޭގައި ހިމެނޭ ޓްރިޕްތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރްގެ "އަރުޖުން އުސްތާރާ" އާއި ޕްރަބާސްގެ "ސްޕިރިޓް" ހިމެނެ އެވެ.

އޭނަގެ ތިން ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ "ބޭޑް ނިއުސް" އާއި "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ގެ އިތުރުން "ބޫލް ބުލައްޔާ 3" އެވެ.