ނ. ވެލިދޫ ސިނާޢީ ސަރަޙައްދުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ވެލިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިނފްރާސްޓްރަކްޗާ ޑރ. ޢަބްދުالله މުއްޠަލިބް އެވެ.
ވެލިދޫ ސިނާޢީ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން، އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަސައްކަތުގެ ދަށުން 2.7 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫޢަށް އެމްޓީސީސީގެ އެންމެ ބޮޑު ޑްރެޖަރު، މަހާޖައްރާފު ވަނީ އެރަށަށް ގެންގޮސްފަ އެވެ.