ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާ އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެސްޑީއެފްސީ ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހުގަ ކަމަށެވެ. ބޭންކުން މިހާރު މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމަށް ކުރިއަށްގެންދާ މުއާމަލާތްތައް ކުރިއަށްގެންދަނީ ގާނޫނާއި އެއްގޮތަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވެސް މިއަދު ވަނީ ބުނެފަ އެވެ.
އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
ބީއެމްއެލުން ބުނީ އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިން ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމަށާއި، ރައްޔިތުން މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ.