Last Updated: July 13, 22:22
Monday, July 13, 2026
ޚަބަރު

ރާއްޖޭގެ ހުރިހާ ކައުންސިލަކާ ރައީސް ބައްދަލުކުރައްވައިފި

ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަކާއި މިހާރު ބައްދަލުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. ވެލިދޫ ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވެލިދޫ ކައުންސިލާއި މިއަދު ބައްދަލުކުރެވުމުން ހުރިހާ ރަށެއްގެ ހުރިހާ ކައުންސިލަކާއި މިހާރު ބައްދަލުކުރެވިފައިވާ ކަމަށެވެ. ކައުންސިލްތަކާއި ބައްދަލުކުރާނީ ރަށްރަށަށް ވަޑައިގެން ކަމަށާއި ކައުންސިލްތައް އެމަނިކުފާނާއި ބައްދަލުކުރަން މާލެ ނުގެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ކައިރީގައި ހުރެގެން ކަންކަމުގައި މަޝްވަރާ ކުރެވި، ކަންކަން އަޑުއަހައި ކަންކަން ކުރަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އަދި ވަޑައިނުގެންނެވޭ ކަމަށާއި ނަމަވެސް މިނިވަން ދުވަހުގެ ހަރަކާތްތަކާއި ސްކޫލް ބަންދަށް ފަހު އަނެއްކާވެސް ރަށްތަކަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކާއި ބައްދަލު ކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއައްސަވައި، އެ ކަންކަން ފަސޭހައިން ފަހިވާނެ ގޮތަށް ކަންކަން ބައްޓަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އަންނަނީ ދެއްވަމުންނެވެ.