Last Updated: July 13, 22:22
Monday, July 13, 2026
ޚަބަރު

ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ

ނ. ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށްދީ، އެ ރަށަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެލިދޫ ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވެލިދޫ ކައިރީގައި އޮންނަ "ވިހަފަރު"ގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓު ގާއިމުކުރެވެންދެން ވެލިދޫގައި ސީޕްލޭން ފްލެޓްފޯމެއް އަންނަ އަހަރު ޖެނުއަރީގައި ގާއިމުކޮށްދީ، ސީޕްލޭންގެ ހިދުމަތް ފަށާނެ ކަމަށެވެ.

އަދި އަންނަ އަހަރު ޖެނުއަރީ މަހަށް ވެލިދޫގައި ސީ އެމްބިއުލާންސެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މަސައްކަތްތައް މި ދެންނެވި ގޮތަށް ބަރާބަރަށް ހިނގާނެ. އެކަމުގެ ޔަގީންކަން ދެން،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ވެލިދޫގެ ކަރަންޓުގެ މައްސަލަ ވެސް ބޮޑު ކަމަށާއި އަދި ކަރަންޓާއި ގުޅުން ހުރި އެހެން ކަންކަން ވެސް ހިމެނޭ ގޮތަށް ސީރިއަސް ގޮތެއްގައި ސަރުކާރުން ބަލައި ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް ވެލިދޫ އަށް މުހިއްމު ގިނަ ކަންކަން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރަށް ވެލިދޫގައި ކުރިއަށްގެންދަން އިޢުލާންކުރެއްވި އިތުރު މަޝްރޫޢުތަކުގެ ތެރޭގައި، ގެދޮރުވެރިކަމުގެ މަޝްރޫޢަކާއި، ސްކޫލަށް ކްލާސްރޫމާއި ވަޞީލަތްތައް އިތުރުކުރުމުގެ މަޝްރޫޢެއް ހިމެނެ އެވެ. އަދި ވެލިދޫގައި ފުޓްސަލް ދަނޑަކާއި، އެކި ކަހަލަ ކުޅިވަރު ކުޅޭ ކޯޓެއް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރައްވާނޭކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ވެލިދޫ ކައިރީގައި އޮންނަ "ވިހަފަރު"ގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ރައީސް ވަނީ ރޭ ވިދާޅުވެފަ އެވެ.