ހަގީގީ ތަރައްގީ އަންނާނީ ގައުމު އިސްކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ. ވެލިދޫ ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިނިވަންކަމުގެ އިހުސާސް ކުރެވޭނީ އަމިއްލަ ނަފްސަށް ވުރެ ގައުމު އިސްކުރާ ބަޔަކަށް ވެގެން ކަމަށާއި އަދި އަންނަން އޮތް ޖީލުތަކަށް ރަނގަޅު ގޮތުގައި ފޯރުކޮށްދެވޭނީ އެ އިހުސާސް އަށަގަތް މިންވަރަކުން ކަމަށެވެ.
"ކިތަންމެ ބައިވަރު އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި މަޝްރޫއުތައް ހިންގިދާނެ. އެހެން ނަމަވެސް ސިކުނޑި، އަޅުގަނޑުމެންގެ ވިސްނުން މި ދެންނެވި ގޮތަށް ތަރައްގީ ނުކުރަންޏާ ކޮބައިތޯ އޭގެ ބޭނުމަކީ؟ އަޅުގަނޑުމަން އެބަޖެހޭ ވިސްނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވަށާޖެހޭ ތަރައްގީ އަންނާނީ އެ ތަރައްގީ އަމިއްލަ ނަފްސާއި ހިސާބުން ގެންނަން ފަށާ ހިސާބުން ކަމަށާއި އެއީ ސަރުކާރުން ހިންގާ މަޝްރޫއުއަކުން ގެނެވޭނެ ތަރައްގީއެއް ނޫން ކަމަށެވެ. އެއީ އަމިއްލަ އަށް އެ ނިންމުން ނިންމައިގެން އަންނަ ތަރައްގީއެއް ކަމަށާއި ސަރުކާރަށް ކުރެވޭނެ ކަމަކީ އެކަމަށް ގޮވާލުންކަން ފާހަގަކުރައްވަމުން ރައީސް ވަނީ ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން އެކަން ކުރައްވަމުން ކަމަށް ވިދާޅުވެފަ އެވެ.
އަދި ސިޔާސީ އޮއިވަރަކީ ގައުމީ ލޯބި ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން ކަމަށާއި ދިވެހިން އިސްކުރަންޖެހޭނީ ގައުމު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ދިވެހިން އިސްކުރަން ޖެހޭނީ ދިވެހިވަންތަކަން. އިސްލާމްދީން، ދިވެހި ބަސް، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން، ގައުމިއްޔަތު. އެކަން އިސްކޮށްގެން ނޫނީ ކިތަންމެ އެއާޕޯޓެއް ހެދިޔަސް ކިތަންމެ ބަނދަރެއް ހެދިޔަސް، ކިތަންމެ މަގެއް ހެދިޔަސް، ހޮސްޕިޓަލެއް އެޅިޔަސް ހަގީގީ ތަރައްގީއެއް ނާންނާނެ،" ރައީސް ވިދާޅުވި އެވެ.
ހަގީގީ ތަރައްގީ އަންނަން އޮތީ ސިކުނޑިން ކަމަށާއި އެކަން ކުރަންޖެހޭނީ އަމިއްލަ އަށް ކަމަށްވާއިރު އެކަން ކުރުމަށް އަޒުމް ކަނޑައެޅި ދުވަހަކުން މެނުވީ ހަގީގީ އުފާފާގަތި ކަމެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.