Last Updated: July 13, 18:21
Monday, July 13, 2026
ޚަބަރު

ޕޯސްޓްމޯޓަމަށް ފަހު އަބްދުއްރަހްމާންގެ ހަށިގަނޑު ގެނެސްފި

އއ. މާޅޮހުގައި ބަޔަކު އަނިޔާކުރުމާ ގުޅިގެން މަރުވި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމް އަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނެސް މިރޭ 19:50 ހާއިރު މޯޗަރީއަށް ލާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އަބްދުއްރަހުމާން، 65، މަރާލާފައި ވަނީ ގޭގައި ނިދާފައި އޮއްވައި އަނިޔާވެރިކޮށް ދިން ހަމަލާއެއްގަ އެވެ. އެގޮތުން އޭނަގެ ބޮލުގައި އެއްޗަކުން ޖަހައި، ބޯ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުމާއެކު ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް، އެ ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ރަށަށް އަރައި ފައިބާ މީހުން އަންނަނީ މޮނިޓަކުރަމުންނެވެ.

ނަމަވެސް އަބްދުއްރަހުމާންގެ މަރާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.