ހިޔާލުތަފާތުވިޔަސް ސަރުކާރަށް އެއްބާރުލުން ދޭން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ނ. ވެލިދޫ ރައްޔިތުންނާއި ރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ޕާޓީއަކުން ވިޔަސް ރައްޔިތުން އިންތިހާބު ކުރުމުން ދެން ހިދުމަތް ކުރަންޖެހޭނީ ހުރިހާ ރައްޔިތުންނަށް ކަމަށާއި ހިޔާލުތަފާތުވިޔަސް ހުރިހާ މެމްބަރުން ވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"އޭރަކު ހޮވިފައި އޮންނަ ސަރުކާރަކީ ތިމަންނަ ނިސްބަތްވާ ސަރުކާރަށް ނުވަންޏާ ނުވަތަ ހިޔާލުތަފާތުވާނަމަ، އެއީ ރައްޔިތުންނަށް ޒިންމާ އަދާކުރުމުގައި އެއްވެސް ކަހަލަ ހުރަހަކަށް ވާންޖެހޭ ކަމަކަށް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުލިބުނަސް ވެލިދޫގެ ތަރައްގީއަށް ކުރަން ހުރި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން ދާނީ ކުރިއަށް ކަމަށެވެ. އެގޮތުން ވެލިދޫގައި އިއްޔެ ވެސް ހަތަރު މަޝްރޫއެއް ފެށިގެން ގޮސްފައިވާ ކަމަށާއި މެމްބަރު އައްބާސްގެ ފަރާތުން އެއްބާރުލުން ނުލިބުނަސް ސަރުކާރުން ދާނީ ރައްޔިތުންނާއެކު ކުރިއަށް ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ މަޖިލިސް މެމްބަރުންނާއި ކައުންސިލަރުން އެހީތެރިކަން ދޭނަމަ ކަންކަމުގައި ފަސޭހަވާނެ ކަމަށާއި ތަސައްރަފު ފުދިފައި ތިބި ބަޔަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަދި ޒާތީ، އަމިއްލަ ކަންކަމަށް ވުރެ ޤައުމު އިސްކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި ދަރީންނަށް ދިވެހި ޤައުމު ރައްކާތެރިކަމާ އެކު ފޯރުކޮށްދެވެން އޮތީ، އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، ޤައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޤައުމިއްޔަތު އިސްކޮށްގެން މެނުވީ ޙަޤީޤީ ތަރައްޤީ ނާންނާނެ ކަމަށްވެސް ވިދާޅުވި އެވެ.