ރާއްޖެއިން އަވަށްޓެރި ގައުމުތަކަށް އާދޭސްކުރުން ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ "އިންޑިއާ-ފަސްޓް" އަކީ މުސްކުޅި އަދި މުއްދަތު ހަމަނުވާ ކޮންސެޕްޓެއް ކަމަށާއި ރާއްޖެއން ދަރަނިން މިނިވަންވާން އިންޑިއާ އަދި ޗައިނާއާ އެކު ވެސް ހަގީގީ ވިޔަފާރި ކުރަން ފަށަންޖެހޭ ކަމަށެވެ.
އެގޮތުން ރާއްޖެއަށް އިތުރު ލޯނުތަކެއް ބޭނުން ނުވާ ކަމަށާއި ބަލަންވީ އިންޑިއާ އަދި ޗައިނާގެ މާކެޓުތަކަށް ވަދެވޭ ގޮތެއް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ރާއްޖެއިން އަވަށްޓެރިންނަށް އާދޭސްކުރުން ހުއްޓާލަންޖެހޭ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
އުމަރު މިހެން ވިދާޅުވި އިރު ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މާދަމާ ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުއާއި، މޯދީ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި މަތީފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާ އާއި ރާއްޖެއާއި ގުޅިގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.