އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުގައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ލީޑަޝިޕާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.
މިކަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކަށަވަރު ވެސް ކޮށް ދެއްވާފައިވެ އެވެ. ނަމަވެސް މޯދީއާ އެކު ބާއްވަވާ ބައްދަލުވުމާ ބެހޭ ތަފުސީލެއް ނުދެއްވަ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއާ އެކު ވަރަށް ގާޔް ގުޅުމެއް ބޭއްވި ކަމެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި އެންމެ ބޮޑެތި ބައެެއް މަޝްރޫއުތައް ފަށާފައު ވަނީ ވެސް އިންޑިއާގެ އެހީތެރިކަމާ އެކީގަ އެވެ. އޭގެ ތެރޭގައި އައްޑޫގެ މަގުތައް ހެދުމާއި ތިލަމާލެ ބްރިޖްގެ މަސައްކަތާއި އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ އިތުރުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުން ހިމެނެ އެވެ.
މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. މިއީ މި މަހުގެ 26 ގައި ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިިނިވަން ދުވަސް ފާހަގަކުރަން ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
މި އަހަރަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ ވެސް 60 އަހަރު ފުރޭ އަހަރެވެ.
މި ސަރުކާރުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަންނަވާ އިރު، ސަރުކާރުގައި މިހާރު އިސްކޮށް ތިއްބެވި ވަރަށް ގިނަ ބޭފުޅުންނަކީ އެ ބޭފުޅުން އިދިކޮޅުގައި ތިއްބެވި އިރު، އިންޑިއާ ދެކޮޅަށް އަދި މޯދީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ބޭފުޅުންކަމެވެ. އެގޮތުން "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގި ކެމްޕޭންގައި ރައީސް މުއިއްޒު ވެސް އިސް ދައުރެއް އަދާކުރެއްވި އެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ވެސް އިންޑިއާ އާއި މޯދީ ވަރަށް ބޮޑަށް ފާޑުކިޔައި، ފުރައްސާރައިގެ އަމަލުތައް ވެސް ހިންގާފައިވެ އެވެ. ނަމަވެސް މި ފަހުން ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަނީ އިންޑިއާއާ އެވެ.