Last Updated: July 27, 06:25
Sunday, July 27, 2025
ޚަބަރު

ގައުމު ދެކެ ލޯބިވާ މީހަކު ސިޔާސީ ގޮތުން ކުރި ހޯދަން ދޮގު ނުހަދާނެ

ޕްރޮފެސަރ އުގައިލް - ފޮޓޯ: މިހާރު

ގައުމު ދެކެ ހަގީގީ ލޯބިވާ މީހަކު ސިޔާސީ ގޮތުން ކުރި ހޯދަން ރައްޔިތުން ކުރިމަތީ ދޮގު ނުހަދާނެ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެ އެވެ.

އުގެއިލް މިހެން ވިދާޅުވީ ޤައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫންކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުގެއިލް ވިދާޅުވީ ގައުމު ދެކެ ހަގިގީ ލޯބިވާ އެއްވެސް މީހަކު ނުވަތަ ބަޔަކު ސިޔާސީ ގޮތުން ވިޔަސް ނުވަތަ އެެހެން ގޮަތަކުން ވިޔަސް ކުރި ހޯދުމަށް އާންމު ފަރުދުން ކުރިމަތީ ދޮގު ހެދުމާއި އޮޅުވާލުން އިސްނުކުރާނެ ކަމަށެވެ.

"އެފަދަ މީހުން އެއީ ގައުމަށް ވުރެ ތިމާމެންގެ އަމިއްލަ އެދުން މުހިންމު ކަމަށް ދެކޭ މީހުން،" އުގެއިލް ވިދާޅުވި އެވެ.

ނ. ވެލިދޫ ރައްޔިތުންނާއި ރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިނިވަންކަމުގެ އިހުސާސް ކުރެވޭނީ އަމިއްލަ ނަފްސަށް ވުރެ ގައުމު އިސްކުރާ ބަޔަކަށް ވެގެން ކަމަށާއި އަދި އަންނަން އޮތް ޖީލުތަކަށް ރަނގަޅު ގޮތުގައި ފޯރުކޮށްދެވޭނީ އެ އިހުސާސް އަށަގަތް މިންވަރަކުން ކަމަށެވެ.

"ކިތަންމެ ބައިވަރު އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި މަޝްރޫއުތައް ހިންގިދާނެ. އެހެން ނަމަވެސް ސިކުނޑި، އަޅުގަނޑުމެންގެ ވިސްނުން މި ދެންނެވި ގޮތަށް ތަރައްގީ ނުކުރަންޏާ ކޮބައިތޯ އޭގެ ބޭނުމަކީ؟ އަޅުގަނޑުމަން އެބަޖެހޭ ވިސްނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވަށާޖެހޭ ތަރައްގީ އަންނާނީ އެ ތަރައްގީ އަމިއްލަ ނަފްސާއި ހިސާބުން ގެންނަން ފަށާ ހިސާބުން ކަމަށާއި އެއީ ސަރުކާރުން ހިންގާ މަޝްރޫއުއަކުން ގެނެވޭނެ ތަރައްގީއެއް ނޫން ކަމަށެވެ. އެއީ އަމިއްލަ އަށް އެ ނިންމުން ނިންމައިގެން އަންނަ ތަރައްގީއެއް ކަމަށާއި ސަރުކާރަށް ކުރެވޭނެ ކަމަކީ އެކަމަށް ގޮވާލުންކަން ފާހަގަކުރައްވަމުން ރައީސް ވަނީ ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން އެކަން ކުރައްވަމުން ކަމަށް ވިދާޅުވެފަ އެވެ.

އަދި ސިޔާސީ އޮއިވަރަކީ ގައުމީ ލޯބި ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން ކަމަށާއި ދިވެހިން އިސްކުރަންޖެހޭނީ ގައުމު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.