Last Updated: August 2, 11:35
Saturday, August 2, 2025
ރިޕޯޓް

ހަގީގީ ވާހަކައެއް: ހެޔޮ ނިމުމެއް!

އަހަރެންގެ މަންމައަކީ އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ވެސް ރަނގަޅު އަޚުލާގެއްގެ ވެރި، މީހުނަށް އެހާ ހެޔޮ މީހެކެވެ. ބައްޕަ އަކީ ފުދޭ ވަރަކަށް ތަނަވަސް މީހެއްކަމުން، ބައްޕަގެ އެހީއާ އެކު އަހަރެމެންގެ ރަށުގައި އޮތް ގޯތީގައި ފަޤީރުންނަށްޓަކައި މަންމަ ގެއެއް ބިނާކުރި އެވެ.

އެގޭގައި ކޮންމެ ހުކުރު ދުވަހަކު ވަރަށް ގިނައިން ކައްކާ ހަނދާން އަހަރެން ހުރެ އެވެ. ހުކުރު ދުވަސްތަކަކީ ގާތްގަނޑަކަށް 50- 100 އާ ދެމެދުގެ މީހުނަށް ހިލޭ ކެއުން ފޯރުކޮށްދޭ ދުވަހެކެވެ. ބަލިމީހުންނަށް އޯގާތެރިވުމަކީ މަންމަގެ ފަރާތުން އަހަރެންނަށް އެންމެ ފާހަގަވި އެއް ސިފަ އެވެ.

މަންމަ އަބަދުވެސް ބަލިމީހުންނަށް ޒިޔާރަތް ކުރާނެ އެވެ. އަދި އެމީހުންނަށް ޚާއްސަ އެއްޗެހި ކައްކައިދީ ހެދުމަކީ މަންމަގެ އުފަލެކެވެ.

މަންމަ ކައިރީގައި މީހަކު ކަމަކު ކިޔައިފިނަމަ ވީހާ ވެސް ރަނގަޅަކަށް އެކަމެއް ކޮށްދެވޭތޯ ބަލާނެ އެވެ. އަހަރެންގެ މަންމަ އަކީ ފޫޅުމައިކަން ވެސް ކުރި މީހެކެވެ. ނަމަވެސް މަންމަގެ ފަރާތުން ޚިދުމަތް ހޯދުމަށް އެއްވެސް އިރެއްގައި އަގެއް ނުނަގަ އެވެ. އަހަރެމެންގެ ގޭގައި ޔަތީމު އަދި މިސްކީނު ކުދިން ގެންގުޅުމަކީ ވެސް މަންމަ އުފަލާ އެކު ކުރި ކަމެކެވެ.

އަހަރެންގެ ލޯބިވާ މަންމަ އަކީ މީހުނަށް އެހީތެރިވުމާއި ދީލަތިކަމުގެ ސިފައިން ޖަރީވެގެން ހުރި ޝަޚުސިއްޔަތެކެވެ. އެހެން މީހުންގެ ބޭނުންތައް ފުއްދައި ދިނުމުގައި މަންމަ އުޅުނީ ގިނަ ފަހަރަށް ޚުދު މަންމަގެ ހަށިގަނޑުގައި ވޭންއަޅާ ހާލުގަ އެވެ. މަންމަ އަކީ އާތުރައިޓިސް ހުރުމުގެ ސަބަބުން އަބަދުމެ ކަހަލަ ގޮތަކަށް ގައިގާ ރިއްސާ މީހެކެވެ. އެކަމަކު ވެސް މަންމަގެ ގައިގާ އަޅާ ވޭނެއްގެ ވާހަކަ ދެއްކި އަޑެއް ދުވަހަކުވެސް ނާހަމަވެ. ގަދަ ހިތްވަރާއި ކެތްތެރިކަމަކީ އަޖައިބުވާހާ މިންވަރަށް މަންމަގެ ކިބައިން ފެނުނު ސިފަތަކެވެ.

މީހުންނަށް ހޭހަންކޮށް ދިމުނާއި، މަންމަގެ ބަލި ހާލާ އެކު ވެސް ނަމާދަށް ބަންގި ގޮވާއިރު ހުންނާނީ ނަމާދު ކުރަން ތައްޔާރުވެގެންނެވެ. މަންމަގެ ކިބައިގައި ހުރި ކެތްތެރިކަމާއި ސާބިތުކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މަންމަގެ ހަޔާތުގެ ފަހު ދުވަސްތަކުގަ އެވެ.

ބަލި އެނދުގައި އޮތްއިރު ކާއެއްޗެހި ދިރުވުން ވެސް އުނދަގޫ ކަމަކަށްވި އެވެ. ނަމަވެސް އެ ދުލުން އެންމެ ފަހަރަކު ވެސް ޝަކުވާގެ ބަހެއް ނުބުނެ އެވެ. މަންމަ މި ދުނިޔެއާ ވަކިވެގެން ދިޔައީ ރީތި ހިނިތުންވުމަކާއި، އުޖާލާވެފައިވާ މޫނަކާ އެކު އެވެ. މަރުވެފައި އޮތް މީހެއްގެ މޫނު އެހާ އަލިކޮށް އޮއްވާ އަހަރެން ނުދެކެމެވެ. މަންމަ ކައިރީގައި ތިބި ޣައިރު މުސްލިމު ޑޮކްޓަރުންނާއި ނަރުހުން ވެސް ބުނަމުން ދިޔައީ މަންމަގެ މޫނަށް ބަލާލުމުން މަންމަ އަހަރެމެންނާ ވަކިވެގެން އެ ދިޔައީ ރަނގަޅު ތަނަކަށްހެން ހީވާ ކަމަށެވެ.

މަސްދަރު: އިލްމު.އެމްވީ