އިންޑިއާ އާއި އިނގިރޭސިވިލާތާ ދެމެދު ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) ގައި މިއަދު ސޮއިކޮށްފި އެވެ.
ދެ ގައުމުގެ މުދާ އެއް ގައުމުން އަނެއް ގައުމަށް އަގުހެޔޮކޮށް އެކްްސްޕޯޓް ކުރަން ހެދި މިނިވަން ވިޔަފާރީގެ މި އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު އެ ގައުމަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.
އެ ދެ ގައުމުން މިއަދު އެފްޓީއޭގައި ސޮއިކުރީ މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދާތާ ތިން އަހަރެއްހާ ދުވަސް ފަހުންނެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ފޮއްޗާއި ގަހަނާ ފަދަ އުފެއްދުންތައް ކުޑަ ޓެކްހެއްގެ ދަށުން އިނގިރޭސިވިލާތަށް އެކްސްޕޯޓް ކުރެވޭނެ އެވެ. އަދި ހަމަ އެ އުސޫލުގެ ދަށުން އިނގިރޭސިވިލާތުގެ މުދާ އިންޑިއާ އަށް ވެސް ބޭރުކުރެވޭނެ އެވެ.
އިންޑިއާއާ އެކު ހެދި އެފްޓީއޭއާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒރު ކިއާ ސްޓާމާ ވިދާޅުވީ މިއީ ބްރްކެސިޓަށް ފަހު އިނގިރޭސިވިލާތުން އިންޑިއާއާ އެކު މިހާތަނަށް ހެދި އެންމެ ބޮޑު އަދި އެންމެ މުހިއްމު އިގުތިސާދީ އެއްބަސްވުން ކަމަށެވެ.
"މިކަމުން ދައްކުވައި ދެނީ އިނގިރޭސިވިލާތަކީ ވިޔަފާރި އާއި އިގުތިސާދަށް ހުޅުވާލެވިފައި އޮތް ގައުމެއްކަން." އޭނަ ވިދާޅުވި އެވެ.
ސްޓާމާ ވިދާޅުވި ގޮތުގައި އިންޑިއާއާ އެކު ސޮއިކުރި އެފްޓީއޭގެ ސަބަބުން އިންޑިއާގެ ވިޔަފާރިތައް އިނގިރޭސިވިލާތުގައި އިތުރަށް ފުޅާވެ، 2،200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ވެސް އަލަށް ހުޅުވޭނެ ކަމަށެވެ.
މޯދީ ވިދާޅުވީ އިންޑިއާ އަކީ އަބަދު ވެސް އިނގިރޭސީވިލާތާ ވަރަށް ގާތް، ބަދަހި ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި އެފްޓީއޭ އަކީ އެކަން އިތުރަށް ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"މީގެ ސަބަބުން ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީޔައް މުއާމަލާތްތައް އިތުރުވެ، ދެ ގައުމަށް ވެސް އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނާނެ." އޭނަ ވިދާޅުވި އެވެ.