ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްއާ އެކު ޝާހިދު ކަޕޫރް މަސައްކަތްކުރާ އާ ފިލްމުގެ ނަމަކީ "ރޯމިއޯ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓިން ފެށި މި އެކްޝަން ތުރިލާގެ ނަމަކީ "އަރުޖުން އުސްތާރާ" އެވެ. އެ ނަމުގެ ވާހަކަ މީޑިއާތަކުން ދެއްކި ނަމަވެސް ފިލްމުގެ ނަން މިހާތަނަށް އެ އުފައްދާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ނަދިއަދުވާލާ ގްރޭންޑްސަން އިން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
އެކަމަކު ޕިންކްވިލާ އިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގެ ނަމަކީ "ރޯމިއޯ" އެވެ. އަދި އެކަން ވަރަށް އަވަހަށް ފިލްމުގެ ޓީމުން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ޑިސެމްބަރު މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމުގެ ބަތަލާއިންނަކީ ޓްރިޕްތީ ދިމްރީ އާއި ޑިޝާ ޕަޓާނީ އެވެ. މި ފިލްމުން ފެންނާނެ ކަމަށް ބެލެވޭ އިތުރު ކާސްޓުންގެ ތެރޭގައި ވިކްރާންތު މަސީ، ދިއާ މިރްޒާ، ނާނާ ޕަޓޭކަރް، ރާމް ކަޕޫރް، ޝަކްތީ ކަޕޫރް، ރަންދީޕް ހޫޑާ އަދި ފަރީދާ ޖަލާލުގެ އިތުރުން މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން ހިމެނެ އެވެ.
ކުޅަދާނަ ޑައިރެކްޓަރު ވިޝާލްއާ އެކު ޝާހިދު ކުރިން މަސައްކަތްކުރި ފިލްމުތަކަކީ 2017 ގެ "ރަންގޫން" އާއި 2014 ގެ "ހައިދަރު" ގެ އިތުރުން 2009 ގެ "ކަމީނޭ" އެވެ.
ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ދޭވާ" އެވެ.