ނިއުކާސަލް ޔުނައިޓެޑް ދޫކޮށްލަން އެ ޓީމުގެ ފޯވާޑް އެލެކްސެންޑާ އިސާކް ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ޓްރާންސްފާ މާކެޓުގައި ނިއުކާސަލް ދޫކޮށްލަން ބޭނުންވާކަން އިސާކް މިހާރު ވަނީ އެ ކްލަބް އަންގައިފަ އެވެ. އިސާކް ނިއުކާސަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ތިން އަހަރު އެބައޮތެވެ.
ނިއުކާސަލް އިން ޕްރީ ސީޒަން މެޗުތަކެއް ކުޅުމަށް ސިންގަޕޫރާއި ދެކުނު ކޮރެޔާ އަށް މިއަދު ފުރާފައިވާއިރު، މި ދަތުރުގައި އިސާކް ބައިވެރިއެއް ނުވެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިސާކް ގެންނަން އެންމެ ބޮޑަށް ޝައުގުވެރިވަނީ ލިވަޕޫލުންނެވެ. ލިވަޕޫލުން ދާދިފަހުން ވަނީ ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އަށް ކުޅެމުން އައި ފްރާމްސްގެ ފޯވާޑް، ހޫގޯ އެކިޓީކޭ އެ ކްލަބަށް ގެނެސްފަ އެވެ. ނަމަވެސް އިތުރު ފޯވާޑެއް ހޯދުމުގެ ޝައުގުވެރިކަން ލިވަޕޫލުން އަދިވެސް ގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިސާކް ،25، ނިއުކާސަލްއާ ގުޅުނީ 2022 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުން 63 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ ވަނީ ނިއުކާސަލަށް ކުޅެދިން 109 މެޗުގައި 62 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މީގެއިތުރުން މިދިޔަ ސީޒަނުގައި ލިވަޕޫލް ބަލިކޮށް އިނގިރޭސި ލީގު ކަޕް ނިއުކާސަލަށް ހޯދައިދިނުމުގައި ވެސް އިސާކް މުހިއްމު ރޯލެއް އަދާކުރި އެވެ. އެއީ 70 އަަހަރު ތެރޭ ނިއުކާސަލަށް ލިބުނު ފުރަތަމަ ޑޮމެސްޓިކް ތަށްޓެވެ.