Last Updated: July 25, 20:39
Friday, July 25, 2025
ޚަބަރު

މޯދީގެ ދަތުރުން އިންޑިއާއިން ރާއްޖެއަށް ކުރާ އިހުތިރާމް ހާމަވޭ

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުން އެ ގައުމުން ރާއްޖެ އަށް ކުރާ އިހުތިރާމް ހާމަވެގެންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޯދީގެ ދަތުރުފުޅާއި ގުޅިގެން ސޯލިހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ އަށް ދައުވަތު ދެއްވީތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށެވެ.

މޯދީ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަނީ ދެ ގައުމުގެ ގުޅުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި މީގެއިން ދައްކުވައިދެނީ އިންޑިއާ އިން ރާއްޖޭގެ ރައްޔިތުންނަށް ކުރާ އިހުތިރާމް ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް އިންޑިއާ އަކީ ރާއްޖެ އަށް އިތުބާރު ކުރެވޭ ގާތް އެކުވެރި ގައުމެއްކަން މިކަމުން ހާމަވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން މި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މޯދީ ރާއްޖެއަށް ކުރާ ދެ ދުވަހުގެ ދަތުރުފުޅުގައި ރައީސް މުޢިއްޒުއާއި، ބައްދަލުކުރައްވައި މަތީފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާ އާއި ރާއްޖެއާއި ގުޅިގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.