Last Updated: July 25, 20:39
Saturday, July 26, 2025
ޚަބަރު

މިނިވަން ދުވަހުގެ ޕެރޭޑު މާލެ އާއި ހުޅުމާލޭގައި

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ބާއްވާ މަގުމަތީ ހިނގާލުން މާލެއާއި ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން، މާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 16:15ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މާޗް ޕާސްޓާއި ކުޅިވަރުގެ ހަރަކާތްތަކާ އެކުގަ އެވެ. އަދި، ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ އާދީއްތަ ދުވަހުގެ ހަވީރު 16:15ގަ އެވެ.

އެމްއެންޑީއެފްގެ މަގުމަތީ ހިނގާލުމުގައި، މިލިޓަރީ ބޭންޑާ އެކު، ފަސް ގެމައެއް ހިމެނޭނެ އެވެ. މި މަގުމަތީ ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީ އެވެ.

މާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ވެލާނާގޭ ކަންމަތިން ފަށައިގެން ލަޝްކަރު ފަސް ސަރަހައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި، ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތީގައި ލަޝްކަރު މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެ އެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރާންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ.

މިނިވަން ދުވަހުގެ ހިނގާލުމުގައި މި އަހަރު ސިފައިންނާ އެކު، ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.