Last Updated: July 13, 18:21
Monday, July 13, 2026
ޚަބަރު

އެމްއެމްއޭ އިން ބޭރު ފައިސާގެ ރިޒާވް ރިކުއަމަންޓް ދަށްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރްއާރް) 5 ޕަސެންޓަށް ދަށްކޮށްފި އެވެ.

މި ބަދަލަށް އަމަލުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ. އެމްއާރްއާރް ބަދަލުކޮށްފައި ވަނީ ހަމައެކަނި ބޭރު ފައިސާގެ ޑިޕޮސިޓްތަކަށެވެ.

އެމްއެމްއޭ އިން ބުނީ ބޭރު ފައިސާގެ އެމްއާރްއާރް ދަށްކުރުމަށް ނިންމާފައިވަނީ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މީގެ ސަބަބުން ބޭންކިންގ ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށާއި އަދި އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެ ކަމަށެވެ.

މި ބަދަލުގެ ސަބަބުން ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދިނުމަށްޓަކައި ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.