Last Updated: August 2, 11:35
Saturday, August 2, 2025
ޚަބަރު

ރާއްޖެ މިހާރު މިއޮތީ އިސްތިއުމާރީ ބާރެއްގެ ދަށުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: އަވަސް

ރާއްޖެ މިހާރު މިއޮތީ އިސްތިއުމާރީ ބާރެއްގެ ދަށުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ގައުމެއްގެ ލެވެލްގައި އޮންނަ މިނިވަންކަން މިހާރު ރާއްޖޭގައި ނެތް ކަމަށާއި ގައުމުގެ ހުރިހާ ކަމަކަށް ފަހުބަސް ބުނުމުގެ ބާރެއް ދިވެހި ދައުލަތުގައި މިވަގުތު ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަން ފެނިގެން ހިނގައްޖެ ގެއްލުނު ފޯޅަވަހި ކަނޑުގެ ސަރަހައްދު ހޯދަން މަސައްކަތް ނުކުރި ހިސާބުން. އިންޑިއާއާއެކު ހެދި އެއްބަސްވުންތައް ބާތިލު ނުކުރުމުން އެކަން އެނގިއްޖެ. އަދި މިފަހަރު މޯދީގެ ދަތުރުފުޅުގައި އިތުރަށް އެ އެއްބަސްވުންތައް އާކުރާކަން ވެސް އަޅުގަނޑަށް މައުލޫމާތު ލިބެމުންދޭ،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ފުރިހަމަ މިނިވަންކަމެއް މިހާރު އޮތް ކަމަކަށް ގަބޫލުނުކުރާ ކަމަށާއި ރާއްޖެ މިވަގުތު މިއޮތީ އިސްތިއުމާރީ ބާރެއްގެ ދަށުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިވަގުތު މިއޮތީ އިސްތިއުމާރީ ބާރެއްގެ ދަށުގައި،" ޔާމީން ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާއިރު، ޔާމީން ވަނީ އިންޑިޔާއާ މައްސަލައެއް އޮތީކީ ނޫން ކަމަށާއި މައްސަލައަކީ ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ތިބޭ ތިބުން ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގައި މިވަގުތު ވެސް އިންޑިއާގެ ސިފައިން އެބަތިބި ކަމަށާއި އުތުރުތިލަފަޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ނޭރޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.