އައްޑޫ ސިޓީގެ ތަރައްގީ ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި މާޔޫސްކަމެއް ނެތް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ އައްޑޫގެ ތަރައްގީ ފެންނަނީ އުޖާލާ ގޮތެއްގައި ކަމަށާއި އައްޑޫގެ އެކި އަވަށްތަކުގެ ޓޫރިޒަމް ޒޯނުތަކުގައި މިހާރު ކުރެވޭ މަސައްކަތްތަކާއެކު އައްޑޫގެ އިގްތިސާދަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށެވެ.
އެގޮތުން ފޭދޫ ޓޫރިޒަމް ޒޯނުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މަދުވެގެން ފޭދޫގައި 200 ނުވަތަ 300 ޓޫރިސްޓު ކޮޓަރި އިތުރުވެގެންދާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ފޭދޫގެ އިތުރުން މީދޫ އަދި ހިތަދޫ ޓޫރިޒަމް ޒޯނުގައި ވެސް މަސައްކަތްތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ އެ އެއާޕޯޓު ތަރައްގީ ކުރެވިގެން އަންނަނީ އަހަރަކު 1.5 މިލިއަން ޓޫރިސްޓުންނަށް ހިދުމަތްދެވޭ ގޮތަށް ކަމަށްވާއިރު ޓޫރިސްޓު ކޮޓަރިތައް އިތުރުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"އާންމުން ވެސް އަދި ހާއްސަކޮށް އައްޑޫގެ ވިޔަފާރިވެރިން ވެސް މަސައްކަތްކޮށްގެން ގެސްޓްހައުސްތައް އެޅޭތޯ މަސައްކަތް ކުރަންވީ،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ޓޫރިޒަމްގެ ކުރިމަގު ވެސް ފެންނަނީ އުޖާލާ ގޮތެއްގައި ކަމަށާއި ރާއްޖެއިން ބޭރުގައި އައްޑޫ މާކެޓް ކުރުމަށް އާދަޔާ ހިލާފަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ. މީގެ ނަތީޖާ ފެންނާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އައްޑޫ އަށް ތަރައްގީ ގެންނަން އެންމެން އެކުވެރިކަމާއެކު މަސައްކަތް ކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.