މޯލްޑިވިއަންގައި ދަތުރު ކުރަން ޓިކެޓް ނަގަން އަންނަ މަހުން ފެށިގެން އައިޑީ ކާޑްހެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ގޮތަށް ހަދަން ނިިންމައިފި އެވެ.
ގައުމީ އެއާލައިން އޮޕަރޭޓްކުރާ އައލޭން އޭވިއޭޝަން ސާވިސެސް އައިއޭއެސް) އިން ބުނީ މޯލްޑިވިއަންގައި ދަތުރު ކުރަން ޓިކެޓް ބުކްކުރަން ހުށަހަޅާއިރު، އަންނަ މަހުން ފެށިގެން ކަސްޓަމަރުން އައިޑީކާޑު ކޮޕީ އާއި ލައިސެންސް ކާޑު ކޮޕީ ހުށަހަޅަން ދެން ނުޖެހޭނެ ކަމަށާއި، އެ ނިންމުން ނިންމީ ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
އައިއޭއެސް އިން ބުނީ، ކަސްޓަމަރުން ބުކިން ހަދާއިރު ކަސްޓަމަރުންގެ ޓްރެވަލް ޑޮކިއުމަންޓްތަކާ އެއްގޮތްވާ ގޮތަށް އައިޑެންޓިފިކޭޝަން ތަފުސީލު ހިއްސާކުރުމުން ފުދޭނެ ކަމަށެވެ. އަދި ޓިކެޓު ދޫކުރާނީ ނަމާއި ދީފައިވާ މައުލޫމާތާ އެއްގޮތަށް ކަމަށް ބުންޏެވެ.
ނަމަވެސް މައުލޫމާތުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ އެ އެއާލައިންގެ އީމެއިލަށް، ނުވަތަ 24 ގަޑިއިރުގެ ޚިދުމަތްދޭ ހޮޓްލައިން 1671 އަށް ގުޅުމަށް ވެސް އެދިފައިވެ އެވެ.ނަމުގައި މައްސަލައެއް އުޅޭ ނަމަ ޓިކެޓު ހޯދާ ފުރަތަމަ ދުވަހު އެ މައްސަލަ ހިއްސާކުރުމުން، ހިލޭ އެ މައްސަލަ ހައްލުކޮށް ދޭނެ އެވެ.
މިފަދަ ބަދަލެއް ޓިކެޓް ނެގުމުގެ މަރުހަލާ އަށް ގެންނަން ނިންނި ނަމަވެސް އާންމު އުސޫލުގެ ދަށުން ޗެކިންކުރާ ވަގުތާއި މަތިންދާބޯޓަށް އެރުމުގެ ކުރިން އައިޑީކާޑާއި ލައިސެންސް، ނުވަތަ ޕާސްޕޯޓު ބޭނުން ވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.