Last Updated: August 2, 11:35
Saturday, August 2, 2025
ޚަބަރު

ޑްރަގް ގެންގުޅުނު ފުލުސްގެ ބަންދަށް އިތުރު 10 ދުވަސް

މަސްތުވާތަކެއްޗާއެކު މިދިޔަ ހަފުތާގެ ތެރޭގައި ހައްޔަރުކުރި ފުލުސް އޮފިސަރެއްކަމުގައިވާ އައިޝަތު ޝިޔާޒާގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

އޭނަގެ ބަންދަށް އިތުރަށް މުއްދަތު ޖެހީ ބަންދަށް ކުރިން ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން އާނަ ކޯޓަށް ހާޒިރުކުރުމުންނެވެ.

އދ. ކުނބުރުދު އަށް ނިސްބަތްވާ ޝިޔާޒާ، 31، ހައްޔަރުކުރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 18 ވަނަ ދުވަހު އެވެ. އޭނަ މަސްތުވާތަކެއްޗާ އެެއްކޮށް ހައްޔަރުކޮށް، ޓެސްޓްކުރި އިރު، ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝިޔާޒާގެ އަތްދަބަހުން މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ތިން ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ޝިޔާޒާއަކީ ފުލުހެއްގެ ވަޒީފާ އަދާކުރާ ފަރާތަކަށްވެފައި، ޝިޔާޒާއަކީ އެ ބާވަތުގެ ކުށްތަކުން މުޖުތަމަޢުގެ ތިބޭ އެހެން ފަރާތްތައް ދުރުކުރުމަށް / ހުއްޓުވުމަށް މަސައްކަތްކުރަންޖެހޭ ފަރާތަކަށްވެފައި، އެފަދަ ތުހުމަތެއް ފުލުހެއްގެ މައްޗަށް ކުރެވުމަކީ އެކަމުގެ ސަބަބުން ކުށުގެ ވެށީގައި އުޅޭ ފަރާތްތަކަށް ދެވޭ ނުރަނގަޅު މެސެޖެއް އަދި ކުށްކުރުމަށް ދެވޭ ހިތްވަރެއްކަމާއި އަދި މިކަމަކީ ފުލުހުންގެ މުއައްސަސާއާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއްކަންވެސް ބަންދު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.