Last Updated: August 2, 11:02
Saturday, August 2, 2025
ޚަބަރު

ބުއްދިއަށް ނުބައި އަސަރު ކުރާ ކަންކަން ވަނީ ނަހީކުރައްވާފައި

ބުއްދިއަށް ނުބައި އަސަރު ކުރާ ކަންކަން އިސްލާމްދީނުގައި ވަނީ ނަހީކުރައްވާފައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ބުއްދި ހިމާޔަތްކުރުން"، މި މައުޟޫއުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށްޓަކައި ބާވައިލެއްވުނު މައިގަނޑު މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދު ކަމަށެވެ.

ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިޔަށް ގެއްލުންވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކައުތެރިކުރުން ކަމަށާއި، އިންސާނާ ބޭނުންކުރާ ކާއެއްޗަކުން، ނުވަތަ ބޯއެއްޗަކުން، ނުވަތަ ކުރާ އަމަލަކުން، ނުވަތަ ވިސްނާ ވިސްނުމަކުން ވިޔަސް ބުއްދިއަށް އެ ކަމުގެ ނުބައި އަސަރުކުރާނަމަ އެއީ އިސްލާމްދީން ނަހީކުރާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މާތްﷲ އިންސާނާ އެހެން މަޚުލޫގާތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުންނާއި އޭނާގެ އުފެއްދެވުމާއި ސޫރަކުރެއްވުން އެހެން މަޚުލޫގުންނަށްވުރެ ފުރިހަމަވުމުން ކަމަށް ހުތުބާގައި ބުންޏެވެ. އަދި، އެކަލާނގެ އިންސާނާއަށް ބުއްދި ދެއްވައިފައި ކައުނުގައި ތަފާތު ހެކިތައް ލައްވައި، ފޮތް ބާވައިލައްވައި އެ ހުރިހައި ކަމަކާމެދު ވިސްނައި ފިކުރުކުރުމަށް އަމުރުކުރެއްވި ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.

ކަން އެހެން ހުރިއިރު މި ކުޑަކުޑަ މުސްލިމް މުޖުތަމައުގައި އިންސާނާގެ ހަމަބުއްދިއަށް އަސަރުކުރާފަދަ ނޭއްގާނީ އަމަލުތައް ކުރާކަމީ ހިތާމަކުރާންޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، މި ވަގުތީ ހަޔާތުގައި ތިމާއަށް ލިބޭ ވަގުތީ ހިތްހަމަޖެހުމަކާއި ފައިސާގެ ދަހިވެތިކަމުގައި މިފަދަ އެއްޗެހި ވިއްކާ މީހުންނާއި ބޭނުންކުރާ މީހުން، މާތްﷲ އެބައިމީހުންގެ އަމަލުތަކަށް ބައްލަވައިވޮޑިގެންވާކަމާ މެދު ޣާފިލުވަނީ ކީއްވެތޯ ޚުތުބާގައި ސުވާލު އުފެއްދި އެވެ.

މީގެއިތުރުން ޚުތުބާގައި ވަނީ ވަލުޖަނަވާރުންނާއި އިންސާނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މާތްﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ނިއުމަތް ކަމަށްވެސް ބުނެފަ އެވެ. މާތްﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައި ތިމާގެ ހަވާނަފުސަށް ހެއްލި ހިތުހުރި ގޮތަކަށް އުޅޭ އިންސާނާ ވެއްޓިފައިވަނީ، ހަގީގަތުގައި ވެސް ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.