ކުރިއަށް އޮތް ދުވަސްތަކުގެ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަށް އުފުލިގެންދާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރައްވާ ކަމަށެވެ.
"އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން." މޯދީ ވިދާޅުވި އެވެ.
މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން ރަތް ދޫލައިގެ މަރުހަބަ ދެންނެވީ ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިންނެވެ. މޯދީގެ މި ދަތުރަކީ މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް ސަރުކާރުން ދިން ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
މި ދަތުރުގައި މޯދީ އާއި ސަރުކާރާ ދެމެދު ރަސްމީ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.
މޯދީގެ މި ދަތުރުގައި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ލީޑާޝިޕާ ވެސް ބައްދަލު ކުރަން ހަމަޖެހިފައިވެ އެވެ.