ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން އިންޑިއާގެ އެހީ ބޮޑު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގައި އިންޑިއާއަކީ ޒަމާނުއްސުރެ ގާތް އަދި އިތުބާރު ކުރެވޭ ބައިވެރިއެއް ކަމަށެވެ. އެގޮތުން މަސް ޕްރޮސެސްކުރާ ވަސީލަތްތައް ގާއިމްކުރުމުން ފެށިގެން އައިސް ޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖް އިންފްރާސްޓްރަކްޗާ ތަރައްޤީކުރުމާ ހަމައަށް އިންޑިއާގެ އެހީ ލިބެމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އިންޑިއާގެ ދީލަތި މާލީ އެހީތެރިކަމާއެކު، ލޯކަލް ވެލިއު އެޑިޝަން ފުޅާކުރުމާއި، ކޮލިޓީއާއި ޝެލްފް ލައިފް އިތުރުކުރުމާއި، ދިވެހި މަސްވެރި މުޖުތަމަޢުތަކަށް މާނަހުރި ފުރުޞަތުތައް އުފެއްދުމުގެ ފުރުޞަތު ލިބިގެންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މީގެއިތުރުން ޝިޔާމް ވަނީ ޤައުމުތަކުގެ މެދުގައި ވަރުގަދަ އަދި އިޙްތިރާމް ލިބިގެންވާ ގުޅުންތައް ދެމެހެއްޓޭނީ އެ ގުޅުންތައް ބިނާވެފައިވަނީ އުޞޫލީ ސިޔާސަތުތަކާއި މަޤްޞަދުހުރި އެއްބާރުލުމެއްގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު އެންމެ ރަނގަޅު ގޮތުގައި ހުރިހާ ބައިވެރިންނާއެކު މަސައްކަތްކުރާ ޚާރިޖީ ސިޔާސަތަކަށް ވަޢުދުވެފައިވާ ސަރުކާރެއް ކަމަށްވެސް ވިދާޅުވި އެވެ.
ޝިޔާމް އިންޑިއާއަށް ޝުކުރު އަދާކުރައްވާފައިވާއިރު، މީގެ ކުރިން އިދިކޮޅުގައި ހުންނެވިއިރު ޝިޔާމް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފަ އެވެ.