Last Updated: August 2, 11:35
Saturday, August 2, 2025
ޚަބަރު

އެލްއޯސީގެ ބާކީ މަންފާވާ ގޮތަކަށް ބޭނުން ކުރަން ޖެހޭ

މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: އައްޑޫ ލައިވް

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގައި ބާކީ ހުރި ފައިސާ ބޭނުންކުރަން ވާނީ ފައިދާހުރި ގޮތަކަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިންޑިއާއިން ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އަދި ބޭނުންނުކޮށް ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.

އެއީ މާލޭ ކޮމާޝަލް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމަށާއި، ކްރިކެޓް ސްޓޭޑިއަމް އެޅުމަށާއި، ލ. ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލަށާއި، މިފްކޯ އެކްޕެންޝަން މަސައްކަތަށް އޭރު ކަނޑައަޅައިފައި ހުރި ފައިސާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅުގައި ދެ ސަރުކާރުގެ ދެމެދުގައި ދެކެވޭ ރަސްމީ ވާހަކަތަކުގައި، މި ފައިސާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މޯދީގެ މި ދަތުރަކީ މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް ސަރުކާރުން ދިން ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

މޯދީގެ މި ދަތުރުގައި އެމްޑީޕީގެ ލީޑާޝިޕާ ވެސް ބައްދަލު ކުރަން ހަމަޖެހިފައިވެ އެވެ.