Last Updated: August 2, 11:45
Saturday, August 2, 2025
ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު 7 ބިދޭސީއަކު އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސް އިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ހަވީރު މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ފޮޅާ ސާފުކުރުމަށް ޙަރަކާތްތެރިވާ ބިދޭސީ ފަރާތްތަކަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން، މި އޮޕަރޭޝަނުގައި 7 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ޤާއިމްކޮށްފަ އެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.