Last Updated: August 2, 11:35
Saturday, August 2, 2025
ޚަބަރު

މުއިއްޒަކީ އުނބަށް ޖެހި، އުރައްޕެއް ނެތް ވެރިއެއް

ކުރިން އިންޑިއާ އައުޓް ކެމްޕޭންގައި އުޅުއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުންނެވީ އިންޑިއާގެ ބޮޑުވަޒޫރި ނަރެންދުރަ މޯދީގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވައިގެން ކަމަށް ވިދާޅުވެ، ސަރުކާރުގެ ދައުވަތަކަށް މޯދީ މިއަދު ރާއްޖެ ވަޑައިގަތުމުން ކުރީގެ ނައިބު ރައީސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިއަދު ސާބިތު މިވީ މުޢިއްޒަކީ ވެރިކަން ހޯދަން ދޮގު ހެދުމުގައި الله އަށް ބިރުވެތިވާ މީހެެއް ނޫންކަން ކަމަށެވެ.

"އުނބަށް ޖަހައި، ޔޫޓާން ނަގާ އެއްވެސް އުރައްޕެއް ނެތް. މޮޔަ’ސިޔާސަތުތަކެއްގެ ވެރިއެއްކަން. މުއިއްޒުގެ ޢަމަލުތަކުން ފެންނަނީ މުއިއްޒުގެ ވެރިކަމަކީ މިނިވަންކަމަށް ދިމާވެފައިވާ ޙަގީގީ މުސީބާތެއްކަން،" ޖަމީލު ވިދާޅުވި އެވެ. "ވެރިކަން ހޯދަން ވިއްކި ސިޔާސަތުތަކަށް ޢައްދާރުވި މީހެއްކަން. ރައްޔިތުންނަށް ދޮގު ވައުދުވުމުގައި ލަދެއް ޙަޔާތެއް ނެތް މީހެއްކަން. ކަކުލުހުޅުން ވާގިނެތިފައިވާ އެނބުރޭ ވަހުތާނެއްފަދަ މީހެެއްކަން."

އޭނަ ވިދާޅުވީ އިސްކޮޅާ ނުބައްދަލު ބޮޑު ބަސް ބުނަމުން ދިޔައިރު ތިމާ ބޮޑުވަޒީރު މޯދީ ކައިރީ ސަލާން ޖަހަން ޖެހޭނެ ދުވަސް އޮތްކަން އަންދާޒާ ނުކުރެއްވުނު ކަމށެވެ. އަދި ބުލީ ނުކުރެއްވޭނެއޭ ބުނެ ބުނިބޮޑު ބަސް މިއަދު ތިއޮތީ އަމިއްލަ އަނގަޔަށް ވަދެ ޙަޖަމް ކުރަންޖެހިފައި ކަމަށް ވިދާޅުވި އެވެ.

"މުއިއްޒު ނިކަމެތިވި މިންވަރު މިފެންނަނީ. އެއް ކަމެއް ނުވި. ތިޔަހުރީ ބޮޑުވަޒީރު މޯދީ ކުރިމަތީ ކުޑަކަކޫ ޖައްސުވާފައި،" ޖަމީލު ވިދާޅުވި އެވެ. "މިނިވަން ދުވަހުގެ އިޙްތިފާލުގައި ދެން ހޭންވީތޯ ނުވަތަ ރޯންވީތޯ؟"

މޯދީ ރާއްޖެ ވަޑައިގަތީ މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަފުލާ ޝަރަފުވެރިކޮށް ދެއްވުމަށް ސަރުކާރުން ދިން ދައުވަތަކަށެވެ. އަދި މި އަހަރަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރާ 60 އަހަރު ފުރޭ އަހަރެވެ.