Last Updated: August 2, 11:51
Saturday, August 2, 2025
ރިޕޯޓް

މިނިވަން ކަމަކީ ކޮބާ؟

ﷲ ސުބުޙާނަޙޫ ވަތަޢާލާ މި ދުނިޔެ އަށް އިންސާނާ ފޮނުއްވި އިރު އޭނާގެ ކިބައިގައި ނުބައި ކަންތައްތަކަށް ހެއްލުންތެރިވުމުގެ ޣަރީޒާ ލައްވާފައި ވާކަމީ ވަންހަނާވެގެންވާ ކަމެއް ނޫނެވެ. ނަމަވެސް އެއާ އެކު އެކަލާނގެ ވަނީ ނުބައިކަންކަމަށް އަރައިގެންފި ނަމަ ލިބޭނޭ ހިތި ނަތީޖާ ވެސް އިންސާނާއަށް ބަޔާންކޮށް ދެއްވައިފަ އެވެ. ނުބައި ޢަމަލުތައް ކު ރާމީހުން އެފަދަ ކަންތައް ކުރަނީ އެއްވެސް ޙާލެއްގައި އޭނާ އެކުރާ ކަމުގެ މަޖުބޫރު ކަމެއް އޭނާއަށް އޮވެގެނެއް ނޫނެވެ. ކޮންމެ ކަމެއްގައި ވެސް ހެވާއި ނުބައި ވަނީ އޭނާއަށް ސާފުކޮށް ބުނެދެވިފަ އެވެ.

ދުނިޔޭގައި ހެވާއި ނުބައި އެކުލެވިގެންވެ އެވެ. މިއީ ދުނިޔޭގައި ޚަލީފާއަކު ލެއްވި ދުވަހުއްސުރެ ފެށިގެން ހިނގަމުން އަންނަ ކަމެކެވެ. ހެވާއި، ނުބައި އުފަލާއި ހިތާމަ، ޞިއްޙަތާއި ބަލިމަޑުކަން، އަރާމާއި ބަރުބަލިކަން، އަދި ހޫނާއި ފިނި މި ހުރިހާ ކަމަކީ ވެސް ދުނިޔޭގެ އެންމެހައި ކަންތައް ހަމަހަމަވެ ސީދަލަށް ހިނގުމަށްތަކައި ޤުދުރަތުން ލައްވާފައިވާ ޤާނޫނުތަކެކެވެ. އަނދިރިކަން ނުވާ ނަމަ އަލިކަމުގެ ނިޢުމަތް އެކަކަށް ވެސް އިޙްސާސް ނުކުރެވުނީހެވެ.

ހިތާމަވެރިކަން ނުވާ ނަމަ އުފާވެރިކަމުގެ އިޙްސާސް ނުކުރެވުނީހެވެ. ބާރު ސްޕީޑުގައި ދުއްފާފައިދާ މީހެއްގެ ކުރިމަތީގައި ބެހެއްޓިފައި ހުރި ބޯޑެއްގައި ވަކި ފަރާތަކަށް ނޭޅުމަށް އިންޒާރު ދެވިފައިވާ ފަދައިންނެވެ. އެއީ މަސައްކަތް ހިނގަމުންދާ މަގެއްކަމާއި އެހެންވެ މަސައްކަތް ހިނގާ ފަރާތަށް ނޭޅުމަށާއި، އެހެން ހަދައިފި ނަމަ ދިމާވެދާނޭ ނުރައްކަލާއި ކުރިމަތި ވެދާނޭ ޙާދިޘާއެއްގެ އިންޒާރު ދީފައިވެއެވެ. އަދި އެއްވެސް ފަރާތަކަށް ނާޅާ ސީދާ ދިއުމަށް ވެސް މި ބޯޑުގައި އިރުޝާދު ދީފައިވެ އެވެ.

ނަމަވެސް ޑްރައިވަރު ގަސްތުގައި ވާގޮތެއް ބަލައިލާށޭ ކިޔާ އެ މަގުން އެޅީ އޭނާގެ އިޚްތިޔާރުގައެވެ. އެހެންކަމުން އޭނާއާ ކުރިމަތިވާ ކޮންމެ ނުރައްކަލެއްގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ހަމަ އޭނާއެވެ. ތިމާއަށް މިހެން ކަންތައް ދިމާވީ އެބައިމީހުން މަގުގައި މަސައްކަތްކުރަމުން ގެންދިޔައިމާ ނޫންހޭ ބުނުމުގެ ކުޑަވެސް ޙައްޤެއް އޭނާއަކަށް ލިބިގެން ނުވެއެވެ. އެހެނީ އެބައިމީހުން ވަނީ ކަމުގެ އިރުޝާދު ފުރިހަމައަށް ދީފަ އެވެ.

ގިނަ ބަޔަކަށް ވަނީ މިނިވަންކަމުގެ މާނަ އޮޅިފަ އެވެ. ވަރަށް ގިނަ މީހުން ދެކޭ ގޮތުގައި މިނިވަން ކަމަކީ އެ މީހަކު ހިތަށް އެރިހައި ގޮތަކަށް އުޅުމެވެ. އެފަދަ މީހުން މިނިވަންކަމުގެ ދާއިރާ ފަހަނައަޅައި ގޮސްއެހެން މީހުންގެ މިނިވަން ކަމަށް ވެސް އަރައިގަނެއެވެ.

ބައެއްގެ ތެރޭގައި ހުރެގެން ސިނގިރޭޓެއް ބޮއިފައި ކައިރީގައި ތިބި ބަޔަކާ ދިމާލަށް ދުން ފޮނުވާލާ އިރު އެބައިމީހުންގެ މިނިވަންކަން ނަގާލެވެނީ ނޫންބާ އެވެ؟

އާމްދަނީ ހޯދަން މަސައްކަތް ކުރުމީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. އެހެނަސް އާމްދަނީ ހޯދުމުގެ ނަމުގައި މީސްތަކުންގެ އަޚުލާޤަށާއި ސުލޫކު ފަސާދަކުރަނިވި ތަކެއްޗާއި ބާވަތްތައް، އަދި ހަށިގަނޑަށް ގެއްލުން ކުރަނިވި ތަފާތު ބާވަތައް މުޖުތަމަޢުގައި ވިއްކައި ފަތުރައި ޢާންމު ކުރަނީ، ކަމުގެ ނުރައްކާތެރިކަމާއި ނުބައިކަމަށް އެއްވެސް ވިސްނުމެއް ނެތި، މިނިވަންކަމުގެ ނަމުގައެވެ. ޙަޤީޤަތުގައި އެފަދަ މީހުންވަނީ މިނިވަންކަމުގެ އިންގަނޑު ފަހަނަ އަޅައި ގޮސް އެހެން މީހުންގެ މިނިވަންކަމުގެ އިމުގެ ތެރެއަށް ވަދެގެންފަ އެވެ.

މަގުގައި ހިނގާފައިދާ މީހުންނަށް އުނދަގޫކޮށް ފުރައްސާރަކޮށް ހަދައި އުޅޭ މީހުންނަކީވެސް ޙަޤީޤަތުގައި މިނިވަންކަމުގެ މާނަ އޮޅުވާލާ ބަޔެކެވެ.

އަދި ކީއްތޯ އެވެ؟ މިނިވަންކަމޭ ކިޔައި ތިމާގެ އަމިއްލަ ހަށިގަނޑު ހަލާކުގެ ތެރެއަށް އެއްލާލާ މީހުންނަކީވެސް
މިނިވަންކަމުގެ މާނަ އޮޅިފައިވާ ބަޔެކެވެ. އިންސާނާގެ ހަށިގަނޑާއި ޞިއްޙަތަކީ އަދި ޚުދު ތިމާގެ ފުރާނައަކީ ވެސް ތިމާއާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. އެއާމެދު އޭނާއާ ސުވާލު ކުރެވޭނެ ދުވަސް އަންނާނެކަން ދަންނަން ޖެހެ އެވެ. އެހެން ކަމަށްވާ ނަމަ ޖަވާބުދާރީވާން ވެސް ތައްޔާރުވާން ޖެހެ އެވެ. އަބޫ ބަރްޒަތުލްއަސްލަމީ ގެ އަރިހުން އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގެ މާނާގައިވެ އެވެ.

"ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް އޭނާއާ ހަތަރު ކަމަކާ މެދު ސުވާލު ނުކުރެވެނީސް ހުރި ތަނުން ގުޑައި ވެސް ނުލެވޭނެ އެވެ. އެއީ އޭނާގެ ޢުމުރު ހޭދަ ކުރީ ކިހިނަކުންތޯ އާއި އޭނާގެ ޒުވާންކަން ނަގާލީ ކިހިނަކުންތޯ އާއި އޭނާ އަށް ލިބިފައިވާ މުދާ ހޯދީ ކިހިނަކުންތޯ އާއި ހޭދަކުރީ ކިހިނަކުންތޯ އާއި އަދި އޭނާ އަށް ލިބިފައިވާ ޢިލްމަކާ މެދު ކަންތައް ކުޅައީ ކިހިނަކުންތޯ އެވެ."

ނޯޓް: މިއީ ކުރީގެ ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު ޢަބްދުލް ބާރީ ރަޙިމަހުއްﷲގެ ލިޔުއްވުމެކެވެ.