ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން އިންޑިއަން ފާމަކޯޕީއަ ކޮމިޝަން (އައިޕީސީ) އާ އެކު ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއަން ފާމަކޯޕިއާ ކޮމިޝަންގެ ފަރާތުން، ސޮއިކުރެއްވީ އިންޑިއާގެ ހައި ކޮމިޝަނަރު ޝްރީ ޖީ ބާލާސުބްރަމަނިއަން އެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ސިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭސްތަކުގެ ފެންވަރު ކަށަވަރުކުރުން އިތުރުވެ، ރެގިއުލޭޓަރީ މަރުޙަލާތައް ހަލުވިވެގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން ފެންވަރު ބެލުމުގެ ތަޙްލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް (އައިޕީއާރްއެސް) އަދި އިމްޕިއުރިޓީ ސްޓޭންޑާޑްސް އައިޕީއާރްއެސް މެދުވެރިކޮށް އެކަށީގެންވާ އަގުތަކެއްގައި ލިބިގެންދާނެ ކަމަށާއި މި އެއްބާރުލުމުގެ ސަބަބުން ޖެނެރިކް ބޭސްތައް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ރާއްޖޭގައި ހެޔޮ އަގުތަކެއްގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިނިސްޓްރީން ބުނީ ރާއްޖެ ފަދަ ޤައުމަކަށް، މި އެއްބަސްވުމުގެ ސަބަބުން ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާއި އެކަމާ ގުޅުންހުރި ޚަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ.