Last Updated: August 2, 11:35
Saturday, August 2, 2025
ޚަބަރު

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ ދެމި އޮންނާނެ

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ ދެމި އޮންނާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް ދެއްވި ބަޔާނުގައި މޯދީ ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން އެއީ ކުއްލި ހާލަތްތަކުގައި ފުރަތަމަ ރެސްޕޮންޑު ކުރުން ކަމުގައި ވިޔަސް ނުވަތަ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުން ކަމުގައި ވިޔަސް ނުވަތަ އިގްތިސާދު މެނޭޖް ކުރަން އެހީތެރިވުން ކަމުގައި ވިޔަސް އިންޑިއާގެ އެހީ ލިބޭނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރުގައި އިންޑިއާއަށް ކުރެއްވި ދަތުރުގައި އިގްތިސާދީ ގޮތުން އަދި މެރިޓައިމްގެ ދާއިރާއިން ގުޅުން ބަދަހި ކުރަން އެއްބަސްވުމެއް ހެދުނު ކަމަށާއި އެކަން މިހާރު ހާސިލުވަމުންދާ ކަމަށްވެސް މޯދީ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުފަތަކަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގެ ދިފާއީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ވެސް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މޯދީ ވިދާޅުވި އެވެ. މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދެ ގައުމުގެ އަމާޒެއް ކަމަށްވެސް މޯދީ ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އޭގެތެރޭގައި އިންޑިއާއިން ފޯރުކޮށްދޭ 526 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ އެއްބަސްވުން ފާހަގަކޮށްލެވެ އެވެ.