Last Updated: August 2, 11:35
Saturday, August 2, 2025
ޚަބަރު

އާ ޓާމިނަލް ހުޅުވާތީ މާލޭ ވަށައިގެން ހަވާ އަރުވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލެ ވަށައިގެން ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެ ބަނދަރު ކައިރިން ތިން ސަރަހައްދެއްގައި، މާދަމާ ރޭ 20:30 ހާއިރު، ހަ މިނެޓް ވަންދެން ހަވާއަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ދިމާކޮށް މާދަމާ ދުވަހުގެ ރޭ 8:30 އިން 10:00 އަށް ވައިގެ ސަރަހައްދު ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ޓާމިނަލްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހާއްސަ އިސްކަމެއް ދީފައިވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ.

ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.