ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ފްރާންސްގެ ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި މިހާތަނަށް ފަލަސްތީނު، ދައުލަތެއްގެ ގޮތުގައި ބަލައި ނުގަންނަ ގައުމުތަކަށް އެކަން އަވަހަށް ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ތާއިދު ކުރުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.
ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމިކަން އިއުލާންކުރާނެ ކަމަށެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭނީ ފަލަސްތީނުގެ ގާޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަމަށާއި ސުލްހަ ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށް މެކްރޯން ވިދާޅުވި އެވެ.
ފްރާންސްގެ މި ނިންމުމަށް ފަލަސްތީނުން މަރުހަބާ ކިޔާފައިވާއިރު، އިޒްރޭލުން ވަނީ މި ނިންމުމަށް ފާޑުކިޔައިފަ އެވެ.
އ.ދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެ އެވެ. އޭގެތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނޭއިރު، ސްޕެއިނަކީ އެއް ގައުމެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 59،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 130،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.