ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމްއެމްއޭ އިން ބުނީ މި ސޮއި ކުރެވުނު އެއްބަސްވުމާ އެކު، ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހުވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލެވިގެންދާނެ އެވެ. މިއާއެކު ދެ ޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކާމާއެކު ފައިސާ ފޮނުވާ ލިބިގަތުމުގެ ޚިދުމަތް ޤާއިމުވެ، ރައްކާތެރިކަމާއެކު ހެޔޮ އަގުގައި ޕޭމަންޓް މުޢާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި މި ޚިދުމަތްތައް ތަޢާރަފް ކުރުމަށް ރޭވިފައިވަނީ ދެމަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތަށް ކުރެވޭނެ އިންތިޒާމް، 2026 ވަނަ އަހަރުގެ ކުރީކޮޅު ހަމަޖެހިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުޢާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާއިއެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގު ފަހި ވެގެންދާނެ ކަމަށާއި މި ޚިދުމަތްތައް ތަޢާރަފް ކުރުމަށް ރޭވިފައިވަނީ ދެޤައުމުގެ ދޭތެރޭ ކުރެވޭ ފައިސާގެ މުޢާމަލާތްތަކުގައި އެ ޤައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ގޮތަށް ކަމަށްވެސް އެމްއެމްއޭ އިން މައުލޫމާތުދެ އެވެ.
އެންއައިޕީއެލް އިން ވަނީ ސިންގަޕޫރު، ސްރީ ލަންކާ، އަދި ނޭޕާލް ފަދަ ޤައުމުތަކުގައި ވެސް ޔޫޕީއައި މެދުވެރިކޮށް މިފަދަ ޕޭމަންޓް ޚިދުމަތްތައް ތަޢާރަފްކޮށްފަ އެވެ.